ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމަށް ލިޔުން ލިބިފައިވާ ކުދިންގެ ތެރެއިން މިއަހަރުގެ ފުރަތަމަ ބެޗްގެ ފަސް ކުދިން މާދަމާ އިންޑިޔާއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

ބޯންމެރޯ ހެދުމަށް ފުރާ ކުދިންގެ އާއިލާތަކާ ބައްދަލުކުރުމަށް ހެލްތް މިނިސްޓްރީގެ ފަރާތުން މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ހެލްތް މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވީ، މާދަމާ އިންޑިޔާއަށް ފުރާ ފަސްކުދިން، ހަތަރު މަސް ދުވަސް ވަންދެން އިންޑިޔާގައި ތިބޭނެ ކަމަށާއި، މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށެވެ.

"މިހާތަނަށް ޓްރާސްޕްލާންޓްގެ ކަންތަކުގަ ރާއްޖެއިން ބޭރަށް ދިޔަ ކުދިންނަށް ވަރަށް ކާމިޔާބުކޮށް ފަރުވާ ދެވިފަ ވަނީ. އަޅުގަނޑުމެން އުންމީދުކުރަން މިކުދިންގެ ފަރުވާވެސް އިރާދާކުރެއްވިއްޔާ ރަނގަޅު ވާނެކަމަށް." މިނިސްޓަރ ޢަމީން ވިދާޅުވިއެވެ.

މިއަދު ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ދިވެހިރާއްޖޭގައި ތެލެސީމިޔާ ލޭ އަޅާ ކުދިންގެ ގޮތުގައި އަށް ސަތޭކައަށްވުރެ ގިނަ ކުދިން ރަޖިސްޓްރީ ކޮށްފައި އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން ބޯންމެރޯ ހެދުމަށް 32 ކުދިންނަށް ޒަކާތުފަންޑުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި އެ ފަންޑުގެ އެހީގައި މިހާތަނަށް 27 ދަރިވަރަކު ވަނީ ބޯންމެރޯ ޓްރާސްޕްލާންޓްވެސް ހަދާފައެވެ.

މީގެ އިތުރުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތްކަމަށްވާ މޯލްޑިވިއަން ބްލަޑް ސާާރވިސް (އެމް.ބީ.އެސް) ގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ނަވާޒު ވިދާޅުވީ، މިއީ ވަރަށް އަގުބޮޑު ފަރުވާއެއް ކަމަށާއި، ރާއްޖެއިން ބޭރުން އައުމަށްފަހުވެސް އިތުރު އެއް އަހަރުވަންދެން ޑޮކްޓަރުންގެ އިރުޝާދުތަކާއި އެއްގޮތަށް ފަރުވާ ކުރަންޖެހޭ ކަމަށެވެ.

މިއަދު ބޭއްވި ޕްރެސްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

"މިކަމަކީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއް. އެންމެ ބޮޑު އެއް އުނދަގުލަކަށް މިވަނީ ޑޯނަރ ހޯދުން. އަނެއް ކަމަކީ ފައިނޭންސްގެ ކަންތައް. ގާތްގަނޑަކަށް ކޮންމެ ކުއްޖަކަށްވެސް އެއް މިލިއަން ރުފިޔާ ޚަރަދުވާނެ. އޭގެ ތެރެއިން ޒަކާތު ފަންޑުން ކޮންމެ ކުއްޖަކަށް ދޭ ނުވަ ލައްކަ ރުފިޔާ އާއި އަދި ހަމަ ވެލްފަޔަރ ފަންޑުންވެސް އިތުރު ޚަރަދުކޮށްގެން މި ދިޔަ ބެޗްގެވެސް ކަންކަން ނިންމާލެވުނީ." ނަވާޒު ވިދާޅުވިއެވެ.

މިއީ މިފަދަ އަގުބޮޑު ފަރުވާއަކަށްވެފައި، ހުރިހާ ފަރާތްތަކުންވެސް ފަރުވާގެ ކަންކަން ކުރިއަށް ގެންދާއިރު، ހޮސްޕިޓަލުން ދެއްވާ އިރުޝާދުތަކަށް ބޯލަނބާ، ޤަވާއިދުން ހަދަންޖެހޭ ޓެސްޓުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ހެލްތް މިނިސްޓްރީން ނަޞޭޙަތްތެރިވެ ލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮޅުވި ސަރުކާރު

    އޭދަފުށި ބަޔަކު ހިމެނޭގޮތައް ރައީސް ޔާމީން އިއުލާން ކުރެްވި ލިސްޓްގަ އެމީހުންނާއެކު ތިޔަ 5 ކުދިން ޑިސެމްބަރު 27 ގަ ފުރާގޮތައް ހަމަޖެހިފަ އޮތީ އެކަމަކު އިބޫ ސަރުކާރުން ފޮނުވި ބައެއްގެ ގޮތުގަ ހަދަންވެގެން އެމީހުން ފުރުވާ ނުލާ ބައިތިއްބާފަތިބީ. ޢޮޅުވާލިއަސް ބޮޑުވަރު. ރަތްކުލައިގެ ސޯލް އަޅައިގެން އެހުރީ އެމީހާ