މިފްކޯގެ އުފެއްދުންތައް މާކެޓް ހޯދަން ހާއްސަ މަސައްކަތެއް ވަނީ ފެށިފައި ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ދިވެހި މަހުގެ އުފެއްދުންތައް ދުނިޔެއަށް އިޝްތިހާރުކޮށް އާ މާކެޓްތައް ހޯދުމަށްޓަކައި ދުބާއީގައި މިމަހުގެ 17 އިން 21އަށް ކުރިއަށްދާ 'ގަލްފް ފުޑް ޓްރޭޑް ޝޯ' ގައި މިފްކޯއިން ބައިވެރިވެފައިވާއިރު، ގަލްފް ޓްރޭޑް ޝޯވްގައި މިފްކޯއިން ބައިވެރިވެފައިވާ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީއެވެ.

އިސްމާއިލް ވިދާޅުވީ މިފްކޯގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ހާއްސަ މަސައްކަތެއް ވަނީ ފެށިފައިކަމަށާއި މިފްކޯއިން ބައިވެރިވި މި ޓްރޭޑް ޝޯވގައި ބައިވެރިވެފައިވާ ކުންފުނިތަކާއި ޓްރޭޑް ޝޯވްއަށް ޒިޔާރަތްކުރާ ސަރަޙައްދީ ވިޔަފާރިވެރިން، މިފްކޯގެ އުފެއްދުންތަކަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

މި ޓްރޭޑް ޝޯވް މެދުވެރިކޮށް، މެދުއިރުމަތީގެ ޤައުމުތަކުން މިފްކޯގެ އުފެއްދުންތަކަށް މާކެޓްތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިއީ މިފްކޯއިން ޓްރޭޑް ޝޯވްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ގްލްފް ފުޑް ޓްރޭޑް ޝޯއަކީ ދުނިޔޭގައި ބާއްވާ ކާބޯތަކެއްޗަށް ޙާއްސަ މިފަދަ އެންމެ ބޮޑު ޓްރޭޑް ޝޯވއެވެ.

މިއަހަރުގެ ޓްރޭޑް ޝޯވްއަށް 98،000 ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް މި ޓްރޭޑް ޝޯވ އިންތިޒާމުކުރާ ފަރާތުން ލަފާކުރެއެވެ. ގަލްފް ފުޑް ޓްރޭޑް ޝޯވްގައި މިއަހަރު 120 ޤައުމަކުން 5000 ވުރެ ގިނަ އެގްޒިބިޓަރުންވަނީ ބައިވެރިވެފައެވެ.