މި އަހަރުގެ މިހާތަނަށް 505 މިލިއަން ރުފިޔާގެ މަސް ގަނެފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަސްވަނަ ދުވަހާއި ހަމަށް 30،324 މެޓްރިކް ޓަނުގެ މަސްގަނެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯއިން ގަނެފައިވަނީ 25،178 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއީ 21 އިންސައްތައިގެ ކުރިއެރުމެކެވެ.

މިފްކޯއިން ބުނީ ފެލިވަރު ފިޝަރީޒް ކޮންޕްލެކްސްއިން ގަނެފައިވަނީ 3،821 މެޓްރިކް ޓަނުގެ މަސް ކަމަށެވެ. އެއީ 58 މިލިއަން ރުފިޔާގެ މަސް ކަމަށެވެ.

ކުއްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން 22،923 މެޓްރިކް ޓަނުގެ މަސް ގަނެފައިވާ ކަމަށާއި އެއީ 384 މިލިއަން ރުފިޔާގެ މަސް ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން 2،498 މެޓްރިކް ޓަނުގެ މަސް ގަނެފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ. އެއީ 62 މިލިއަން ރުފިޔާގެ މަހެވެ.

އެހެންކަމުން މިފްކޯއިން މި އަހަރުގެ މިހާތަނަށް 505،358،854 ރުފިޔާގެ މަސް ގަނެފައިވާ ކަަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯއިން ގަނެފައިވަނީ 405،157،721 ރުފިޔާގެ މަހެވެ.

މިފްކޯއިން އަންނަނީ އެ ކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން މަސް ކިރުން އަވަސް ކުރުމަށް މިފްކޯއިން ވަނީ ވަރަށް ފަހުން ބޯޓެއްވެސް ގަނެފަ އެވެ.