މިހާރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރާގައި، ލ. ގަމުގެ ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން ފުލުހުން އެހީތެރިވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ލ. އަތޮޅަށް ކުރަމުންދާ ވިއްސާރާގައި ގަމުގެ 10 ގެއަކަށް ފެންވަނުމާއި، ގުޅިގެން ފުލުހުންނަށް ރިޕޯޓްކޮށްްފައިވާކަމަށެވެ. އަދި އެ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ފެންހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ވެލިބަސްތާ ޖެހުމާއި، ފެނުގައި ހުރި ތަކެތި ހިކި ތަންތަނަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ވިއްސާރާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

މިއަދު މެޓް އޮފީހުން ވަނީ މ. އަތޮޅުން ފެށިން ގދ. އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.