ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް "ވަޒީފާ ޔަގީން" ގެ ނަމުގައި ހާއްސަ އެކްސްޕޯއެއް މި ފަހަރުވެސް ބާއްވަން ޔޫތް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

މިއީ މި އެކްސްޕޯ ބާއްވާ ހަތަރު ވަނަ ފަހަރެވެ. މީގެ ފުރަތަމަ އެކްސްޕޯ ބޭއްވިފައި ވަނީ ވިލިމާލޭގައެވެ. އަދި ދެވަނަ އެކްސްޕޯ ހުޅުމާލޭގައި ބޭއްވުނުއިރު، ތިން ވަަނަ އެކްސްޕޯ ކުރިއަށްގެންގޮސްފައި ވަނީ ބްރިޖް ޕްލެޓް ފޯމް ސަރަހައްދުގައެވެ.

ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިފަދަ ހަތަރު އެކްސްޕޯ ބޭއްވުނުއިރު، 1700 އެއްހާ ޒުވާނުން މި އެކްސްޕޯ ތަކުގައި ބައިވެރިވެ ފޯމް ފުރާފައި ކަމަށެވެ. އަދި އެ ޒުވާނުންނަށް އެކި ވަޒީފާތަކާއި ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދިނުމާއި، ސީވީ ނެތް ކުދިންނަށް ސީވީ ތައްޔާރުކޮށްދިނުމަށް އެހީ ފޯރުކޮށްދީފައިވާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި ފަހަރުގެ އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވަނީ ރަސްފަންނުގައެވެ. މިފަހަރުގެ އެކްސްޕޯ ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި އެރޭ 20:00 އިން 22:00 އަށެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި އެ އެކްސްޕޯއަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހީވަނި

    ހީވަނީ ޒުވާނުން ތިބެނި މާލޭގައި އެކަންޏޭ.ކުޅުދުއްފުއްޓަށް ވެސް ތިކަހަލަ އެކްސްޕޯ އާއި ވަޒީފާ ބޭނުންވޭ. މާލެ ނުގޮސް ވާނެ ގޮތެއް ހޯދައިދީބަލަ