ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިންތީޚާބު ކުރަންޖެހޭނީ ވަކީ ޕާޓީގެ މީހަކަށް ވީމަ ނޫންކަމަށާއި، އިލްމީ، ޤާބިލް ކެނޑިޑޭޓަކަށް އެ ފުރުޞަތު ދެއްވަން ޖެހޭ ކަމަށް، ރައީސް ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި، ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވީ، ޗެނަލް 13 އިން ގެނެސްދޭ "ނިއުސް ޓޯކް" ޕްރޮގްރާމެއްގައި ވާހަހަފުޅު ދައްކަވަމުންނެވެ.

"ވަކި ޕާޓީގެ މެމްބަރަކަށް ވެގެނެއްނޫން މަޖިލީހަށް އަންނަން ޖެހެނީކީއެއް. އަނެއްކާ އަޅުގަނޑުމެން މި ދަންނަވާ ވާހަކަ އަކީ، ޕާޓީން ކަމެއް ކުރިއަސް، ޤަބޫލުކުރަން އެބަ ޖެހޭ ގޯސްކަމެއް އެއީ ގޯސްކަމެއްކަން. ރަނގަޅު ކަމެއް އެއީ ރަނގަޅު ކަމެއްކަން." ޝައިނީ ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ޝައިނީ ވިދާޅުވީ، ވެރިކަން ކުރައްވާ އެމް.ޑީ.ޕީ ގައިވެސް، ތަޢުލީމީ ޤާބިލް ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، ނަމަވެސް އެބޭފުޅުންވެސް މަޖިލީހަށް އަންނަން ވާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ވީމަ ނޫން ކަމަށެވެ. އަދި މަޖިލިސް ވަކި ބަޔަކަށް ނުލިބިއްޖެ ނަމަ، ބަޣާވާތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ދައްކާ ވާހަކައަކީ އެއްވެސް ހަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި، ޤާނޫނާއި ޚިލާފު ކަމެއް ކޮންމެ މީހަކު ކުރިނަމަވެސް، އެމީހަކާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި، އަމިއްލަ ގޮތުން، ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޝައިނީ އަކީ، މެދުނުކެނޑި 27 އަހަރު ވަންދެން މި ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ، ޢިލްމީ، ޤާބިލު ބޭފުޅެކެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.