ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފިއެވެ.

އަލްހާން އޭސީސީއަށް ހާޒިރު ކުރަނީ ޤާނޫނާ ހިލާފަށް މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމު ދީފައިވާ ކަމަށް ބުނާ މައްސަލައިގެ ތަޙްޤީޤަށް ކަމަށް އަލްހާނަށް އޭސީސީން ފޮނުވި ޗިޓްގައި ބުނެފައި ވެއެވެ.

އަލްހާން އޭސީސީ އަށް ހާޒިރު ކުރަނީ މިއަދު މެންދުރު ފަހު 15:00 އަށެވެ.

އޭސީސީ އަށް ހާޒިރުވާން އެންގުމުން އަލްހާން ކުރި ޓްވީޓެއްގައި ވިދާޅުވީ އިޖުތިމާޢީ ހަރަކާތްތައް ހިންގުމަކީ ކުށެއް ނޫން ކަމަށެވެ.

އަލްހާން ވަނީ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ކުރިން ސްޓްރީޓް ސޮކާ ކަޕެއް ބާއްވާފައެވެ. އެމުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް 25000 ރުފިޔާ ދީފައިވެއެވެ. އެމުބާރާތް ބޭއްވީ މުޅި މާލެއަށް ހުޅުވާލައިގެންނެވެ. މުބާރާތުގައު 32 ޓީމް ބައިވެރިވިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ބައެއް އެހެން ކެންޑިޑޭޓުންގެ މައްސަލަތައް ވެސް އޭސީސީން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނައިބުތުއްތު

    މުބާރާތެއް ބޭއްވީމަ ގޯސްވީ. ބައެއްމީހުން ބޭންކްލޯންތައް ދައްކައިދެމުންދާއިރު އެއީ އެއްވެސްކަމަކަށްނުވޭ.

  2. ޢާބޫ

    ބަލަ އަލްހާން މުބާރާތެއް ބޭއްވީމަ ބޮޑުކަމަކަށްވީދޯ؟ ހޯރަފުށި ދާއިރާއަށް ކުރިމަތިލައިގެން އުޅޭ އަޙްމަދު ސަލީމް، ރާއްޖެޓީވީ ސައްލޭ އޭނަގެ މޯލްޑިކެއަރ ކުލިނިކުން ޑޮކްޓަރުން ގެނެސް ކެމްޕޭން ކޭންޕް ހޯރަފުށި ސިއްހީމަރުކަޒުގެ ވަސީލަތްތަކާ މުވައްޒަފުން ބޭނުންކޮށްގެން ހިންގިއިރު އެކަމެއް ނުފެނޭދޯ؟ މުޅިންވެސް ކޮރަޕްޝަން. އޭނަ އިންތިހާބު ކައިރިވެފަ އޮއްވަ ވޯޓަށް ނުފޫޒުފޯރުވަން މީހުންނަށް އޮޔޮއްބަހަމުން ގެންދާ ފައިސާޔޯ؟ މިކަންކަން ރަނގަޅަށް ބަލައިބަލަ!

  3. عبدالله

    ބަލަން ބޭނުންވާ މައްސަލައެއް ބެލުމާއި ބަލަން ބޭނުންނުވާ މައްސަލައެއް ނުބެލުމާއި، މިކަންކަން މިރާއްޖޭގައި ހިނގަމުން މިދަނީ، ބާރުސްޕީޑްގައެވެ. ނަމަވެސް މިރާއްޖެއަކީ، މައްސަލަތައް ބެލުމުގަޔާއި، މައްސަލަތައް ހުށަހެޅުމުގައި ތަފާތުކުރުން ޤާނޫނުގައި ލިޔެފައިނުވާ ރާއްޖެއެކެވެ.