މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ އިލެކްޓްރިކް ބަސްކަމަށް އެމްޓީސީސީން ބުނެފިއެވެ.
މާލެއަށް މިނީ ބަހުގެ ޚިދުމަތް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މާލެއަށް މިނީބަހުގެ ޚިދުމަތް ތަޢާރަފްކުރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ތަޢާރަފްކުރެވުމާއެކު މާލެތޭގައި ދަތުރުފަތުރުކުރުމަށް ހަރުދަނާ އަދި ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހް އިއްޔެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިލެކްޓްރިކް ބަހަކީ ރާއްޖެއަށް މުޅިން އައު އެއްޗަކަށް ވުމުން މި ޚިދުމަތް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާއި، ޚިދުމަތް ފެށުމަށް ބޭނުންވާ އިލެކްޓްރިކް ބަސް ހޯދުމަށްޓަކައި އެކި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ.
"މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިލެކްޓްރިކް ބަސް ބޭނުންކޮށްގެން ޚިދުމަތް ދިނުމަށް މިނިސްޓްރީގެ ވިސްނުން ހުރީ. މިއީ ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ބަސްތަކެއް ނޫން. އިލެކްޓްރިކް ބަސްތައް ހޯދުމަށްޓަކާ މަޝްވަރާކޮށްފަވަނީ. އެހެންކަމުން މިކަން ކުރުމަށް ތައްޔާރުވަމުން މިދަނީ." ޝާހް ވިދާޅުވިއެވެ.
ސަރުކާރުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މާލެއަށް މި ޚިދުމަތް ދޭން ފަށާގޮތަށެވެ.
މާލޭގައި ބަސް ދަތުރުތައް ފަށަން ބޭނުން ކުރާ މިނީ ބަސްތަަކަށް އެންމެ ގިނައިން އެއް ފަހަރާ އެރޭނީ 24 މީހުންނަށެވެ.
މާލޭގައި މީގެ ކުރިން ވެސް ބަހުގެ ޚިދުމަތް އެމްޓީސީސީން ފެށިއެވެ. ނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން ބަހުގެ ޚިދުމަތް އެންމެ އެދެވޭ ގޮތެއްގައި ނުދެވި އެންމެ ފަހުން ބަހުގެ ޚިދުމަތް ހުއްޓާލީއެވެ.
ތިކަމެށްނުވާނެ! މީވަރަށް ވާހަކަ!
ޓެކްސީ މީހުން ވޯޓް ދީގެން ގެނައި ސަރުކާރަކަށް ވާތީ ތިކަމެއް ނުވާނެ... ފެށިޔަސް ހުއްޓުވާނެ... ހުޅުމާލޭ ބީޗް ސަރަހައްދުގެ ކެފޭ ތައްނަގަން ބުނިހެން ވާނީ...މަޑު ޖައްސާލާނީ ނުވަތަ ލަސްކޮށްލާނީ