މާޗްގެ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ކަރަންޓްގެ އަގުހެޔޮ ކުރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު އިއުލާން ކުރެއްވި ނަމަވެސް މަދުން ކަރަންޓް ބޭނުން ކުރާ ފަރާތްތައް އޭގެތެރޭގައި ހިމެނިފައެއް ނުވެއެވެ.

ކަރަންޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މުޅި ރާއްޖެއަށް ކަރަންޓްގެ އަގު ހެޔޮކުރިކަން ރައީސް މިއަދު އިއުލާން ކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެކަމުގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ދެއްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ނައްތާލަން ނިންމާފައިވާ ކަމަށެވެ.

400 ޔުނިޓަށް ވުރެ ގިނައިން ކަރަންޓް ބޭނުން ކުރަނީ ބޮޑެތި ފިހާރަކުންނާއި، ވަރަށް ބޮޑެތި އިމާރާތްތަކުންނެވެ. އާދައިގެ ދިރިއުޅުމެއް އުޅޭ ގޭގޭގައި އެމިންވަރަށް ކަރަންޓް ބޭނުމެއް ނުކުރެއެވެ. އެހެންކަމުން ރައީސް ޞާލިހް އިއުލާން ކުރެއްވި ކަރަންޓް އަގުހެޔޮ ކުރުމުގެ ވައުދުގެ ފައިދާ ކުރާނީ ގިނައިން ކަރަންޓް ބޭނުންކުރާ މުއްސަނދިންނާއި ވިޔަފާރިވެރިންނަށެވެ.

ރައީސް މިއަދު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ކުރީ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި މާލެ އާއި ރަށްރަށާ ހުރި ފަރަގު ނައްތާލުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އަދި އެއީ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށް ދިނުމަށް ގެނައި ހެޔޮ ބަދަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ބަދަލު ގެނައުމުން ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓުގެ ބިލަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ، އެގޮތުން މިސާލަކަށް ގޭބިސީއަކުން ކަރަންޓު ބިލަށް 2،200 ރުފިޔާ ހޭދަ ކުރާނަމަ ދެން ދައްކަން ޖެހެނީ ގާތްގަނޑަކަށް 1،100 ރުފިޔާ،" ރައީސް ވިދާޅުވިއެވެ.

ކަރަންޓްގެ އަގު ހެޔޮ ކުރިކަމަށް ރައީސް ވިދާޅުވި ނަމަވެސް ޔުނިޓަކުން ހެޔޮ ކޮށްފައި ވަނީ ކިހައި އަދަދެއް ކަމެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    އަމާބުނީތީ ފަރަށްދާހެން. މިމީހުންނަކީ ވަރަށް ޔަހޫދީ ބައެއް. ކަރަންޓް އަގުހެޔޮކުރަން ބުނީ. ދެން އެންމެ މަތީ ބޭންޑުން .01 ލާރި ކަނޑާލީމަވެސް އެއޮތީ ކުރެވިފައެއްނު. މިއީ މިވައުދު ފުއްދާގޮތަކީ. ރައްޔިތަކަށް އެއްވެސް ފައިދާއެއްވާ ގޮތަކަށް ކަމެއް ނުކުރާނެ. ޝައިޠާނުންނޭ މަށަށް ބުނެވެނީ އެހެންވެ. ޝައިޠާނާއަށް އަޅުކަން ކުރާ މީހުންވެސް ނަމާދުކުރޭ. އެކަމަކު އެމީހުން ނަމާދު ކުރާނީ، ވުޟޫނުކޮށް، ސަޖިދަ ފުރިހަމަނުކޮށް، ގިބްލައަށް ފުރަގަސްދީގެން ތިބެ. އެއީ، ﷲ އަށް ޖަދަލުކޮށް އޭނާގެ ބަހަށް ހެއްލޭ އިންސާނުންކަން ދެއްކުމަށް ނިކަމެތި އިންސާނުން ލައްވާ ކުރުވާ ކަންކަން. މިވެރިކަމުގައި މިތިބީ މީގެ ދައްޖާލުންތަކެއް.

    56
    9
  2. Anonymous

    ނޫނޭ އަހަރެން މީ އައިދާގެ މީހެއް ، 400 ޔުނިޓަށް ވުރެއް މާ އިތުރުވެ އަބަދުވެސް ބިލް އަންނަ އިރު ! ، ވަރަށް ބޮޑު ލުޔެއް މީ ، އިތުރުފުޅު ނުހައްދަވާ!!

    32
    44
  3. ރަނގަޅަށް ވިސްނާބަލަ

    އޭގެ މާނައަކީ ފަޤީރު މީހާވެސް އަވަހަށް ޑީފުރީޒާވެސް ޖައްސާށޭ... މަަސްގަނެގެންވެސް ފުރީޒްކޮއްގެން ވިއްކާށޭ.. އާމްދަނީ އިތުރުކުރުމަށް މަސައްކަތް ފައްޓާށޭ.. އިނގިއްޖެތާ..

    34
    27
  4. ނަދީމް

    ވަކިން ދިރިއުޅޭ ފަރާތްތަކަށް މިހާރުވެސް އަސްލު ކަރަންޓް އަގުބޮޑެއް ނޫންކަން ފާހަގަ ކޮށްލެވޭ އެގޮތުން އޭސީ އާއި އައިސް އަލަމާރި ފަދަ ތަކެތި ހުންނަ ވަކި ވަކި ގޭބިސީ ތަކަށްވެސް އެއްމެ ގިނަވެގެންވެސް އަރަނީ 600 އާއި 700 ދެމެދުގެ އަދަދުތަކެއްކަން ފާހަގަ ކުރެވޭ .. ނަމަވެސް ބޮޑެތި އާއިލާތައް އެއްގެއެއްގައި އުޅޭ ނަމަ ކަރަންޓްފީ ވަރަށް ބޮޑުތަނުން ބޮޑުވެގެންދޭ ... އެހެން ކަމުން މިއީ ހަމަ ހެޔޮ ބަދަލެއް ކަމަށް ބުނެވިދާނެ....

    7
    8
  5. މިއަދު

    މިސަރުކާރުންވެސް މަސައްކަތްކުރަނީ ރަޢިއްޔަތުން ގަޅިކޮށްގެންމުއްސަދިންގެ މުއްސަދިކަން އިތުރުކޮށްދީ ފަގީރުން އިތުރަށްފެލާނިކަމެތިކުރުމަށް 1 ޔުނިޓުން 399 ޔުނިޓަށް އަގު ބަދަލުނުވެ 400 ޔުނިޓުން މައްޗަށް އަގުހެޔޮކުރުމުން ރާއްޖޭގައިދިރިއުޅޭ މީހުންގެ އާބާދީގެ ކިތައް% އަށް އެއިގެފައިދާކުރާނެކަމަށް ރައިސްސާލިހު ޤަބޫލުކުރައްވަންތޯ؟ މިއީ މިސަރުކާރުން އަލަށްތަޢާރަފް ކުރާނެކަމަށްޤަބޫލުކުރެވޭ ވިޔަފާރިފައިދާއިން ޓެކުސްނެގުމަށް އެބައިމީހުން ރުއްސަންކުރިކަމެއްކަމަށްޤަބޫލުކުރެވޭ އާޚިރު ނިމުމަކީ ހަމައެއްމިންވަރެއްގައި ހިފެހެއްޓުން

    10
    2
  6. ފަރޭ

    އަޅުގަނޑަކީ ހުޅުމާލެ ފްލެޓެއްގަ ދިރިއުޅޭ މީހެއް. ގޭގައި މީހުން ދިރިއުޅެނީ ހަވީރު 17:00 އިން ހެނދުނު 07:00 އަށް. ގެއިން ނުކުންނަނީ ކޮންމެގެން ކަރަންޓު ދޭންޖެހޭ އެއްޗެހި ފިޔަވާ ބާކީ ހުރި ހުރިހާ އެއްޗެއް ނިވާލާފަ. އެމްމެ ހޮޅިބުރިއެއްވެސް ދިއްލާފަ ނުހުންނާނެ. އޭސީ ގެންގުޅެނީ އިންވާޓާ އޭ ކިޔާ ކަރަންޓު ހަރަދު ކުދަ އެއްޗެހި. ގިނަ ވަގުތު އެއްޗެހި ނިވާފަ ބަހައްޓާއިރުވެސް 400 ޔުނިޓައް ވުރެ ގިނަވޭ. ފެބްރުއަރީ މަހު 30 ދުވަހައް 507 ޔުނިޓް. މާރޗް މަހު ބިލް އައި އިރު 31 ދުވަހައް 564 ޔުނިޓް. މި ވާގޮތެއް ނޭންގުނު. ގުޅާފަ އެހީމަ ގުޅާ މީހާ ގޯސްވަނީ. މީޓަރުވެސް ރަނގަޅޯ. މިއަހަރު ފެށުންފަހުން ކަރަންޓުބިލް ވީ ބޮޑު. ގޭގަ ހުރީ ކުރިންވެސް ބޭނުން ކުރާ އެއްޗެހި. އާއެއްޗެއް ނެތް. ދެން ކޮންތާކުން ކަރަންޓް މި ބޭނުން ކުރަނީ؟؟

    13
    1
  7. މިއަދު

    ރައިސް ސާލިހު އަގުހެޔޮކުރެއްވި ކަރަންޓުގެއަގުހެޔޮ ޕެކޭޖުގެތެރެއަށް ނިކަމެތިމީހަވަދެގަތުމަށް ކޮންމެ ގެއަކަށް 5 ފޫޓުގެ ޑީފްރީޖަރ އަކާއި 2 އެއާކޯނު ސަރުކާރުން ދިނުމަށްގޮވާލަން

    6
    2
  8. ފިނޭންސް

    މޮޅުވާހަކަ ނުދައްކާ ނަންހާމަކުރާކަށް ބޭނުމެއްނޫން ފިނޭންސް މިނިސްޓްރީން މިހާރު ހަރަދުކުރަނީ ދަރަނިބަޖެޓުން ރިޒާވްގަ ހުރި ފައިސާއިން މަޖްލިސް އިންތިހާބް ބޯމަތިވީމަ ދަރަނިވެރިވެގެންވެސް ރައްޔިތުންގެ ސިކުޑިދޮވެލާގެންވެސް މެޖޯރިޓީ ހޯދުމަށް އިންތިހާބްނިމޭއިރު ގައުމު އޮނާނީ އިންދަ ޖެހިފަ މީސިއްރެއް ފިނޭންސް ކެއްނުކުރެވިގެން މިވާހަކަ ކުރުކޮށްމިބުނެލީ ވަރަށް ވާހަކަ

    8
    2
  9. މަކަރާބެ

    މުޅިންވެސް އޮޅުވާލުމާއި މަކަރާ ހީލަތް ހެދުން ރިޔާސީ އިންތިހާބުގައި ކަރަންޓް އަގުހެޔޮ ކުރާނެކަމަށް ބުނެ ރައްޔިތުމީހާ ވާވެއްދުމަށް ފަހު ވޯޓްގަޑު ފޭރިގަތީ 400 ޔުނިޓުން މަތީން ކަރަންޓް ބޭނުން ކުރާމީހުންނަކީ ނިކަމެތިފަގީރުންނެއް ނޫން ކަރަންޓްގެ އަގުހެޔޮ ވާނެކަމުގެ ހުވަފެނުގާތިބި ނިކަމެތިންގެ ހުވަފެން ވީ ބިލާހަކަށް ނިކަމެތި ރައްޔިތުންގެ އަތްމަތީގަ އޮތީ އެކިޔާ އެޖެންޑާ 19 ރާއިގެ ހުވަފެންތައް ބިލާހަކަށް ހަދާލުމުގެ ބާރު ވިސްނާފިކުރުކުރޭ ގެއްލިއްޖެ ވަގުތަކީ އަބުރާލިބޭނެ އެއްޗެއްނޫން.

    9
    1
  10. ވ

    ފުރިޖަށް ރާފުޅިވެސް ލާށޭ ލައިގެން ވިއްކާށޭ ދޯ''ރަނގަޅަށް ވިސްނަބަލަ''ދޯ

    5
    1
  11. ހުސޭނުބޭ

    ރައީސް މީހާގެ ހެޔޮފުޅުކަމުން ފަގީރު މީހާ ކަރަންޓް ބިލް ކުޑަކުރަން މި ޖެހެނީ ކަރަންޓު ކަނޑާލަން!

    7
    1
  12. އަހުމަދު

    ކަރަންޓް އުފަންދަން ބޭނުން ކުރާ ތެޔޮ ދުނިޔޭގެ ބާޒާރުގައި މިއަހަރު ނިމޭ އިރު އުފުލޭނެ ވަރަށް ބޮޑަށް އަދި މިކަމުގެ ނޭދެވޭ އަސަރު ކުރާނެ . ދެންއޮތީ ރާއްޖޭގެ އުފެއްދުން ތެރިކަން މިއަހަރު ދައްވާނެ ކަން ހުރިހާ ރިޕޯޓް ތަކުން ދަނީ ފެންނަމުން އަދި އަންނަ އަހަރު އެ އަދަދު އިތުރުވާނެ ކަރަންޓް ފިހާރަތަކުގެ ބިލުން ކުޑަވިއަސް މުދަލުގެ އަގު ހެވެއް ނުވާނެ އެއީ ޑިމާންޑް އެންޑް ސަޕްލައި އާއި ގުޅިފައިވާ ކަމެއް ރައީސް ގެ އެކްޝަން ކޮމިޓީގައި ތިބީ މުޅިންވެސް ލެކިއުޓްގެ ހިއްސާ ދާރުން އެމީހުން ނަކީ ފުޅާ ދާއިރާގައި ވިޔަފާރި ކުރާމީހުން އެމީހުންނަށް ހުރިހާ ފައިދާއެއް އޮތީ... ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެއް ހަމައަކުން ކަރަޓް ފީނަގާ އަދި ކުޑަ ކޮށްދީފައި

    7
    1
  13. ކުޑަބަޖަރާ

    އަންނިކައިރީ އުޅެބޮޑުވި މީހެއް. އަންނިހަދާވަރަށް ތިޔަސޯލިހުވެސް ދޮގުހަދާނެ.

    8
    1
  14. ޢަލިފުތު

    މިއީ ޔާމީން ސަރުކާރުން ނިންމާފަ ހުރި ކަންކަން.

    1
    5
  15. ާއަހުމަދު

    ކަރަންޓުބިލު ކުޑަކޮއްފަ އަހަރުމެންނަށް ކަންތައް ކޮއްދަެން ހުރިލާރިން ސަބުސިޓީދިނީމަ ކޮންތާކުޖެހެނީ

  16. ނިޒާމު

    ޓތިކުރެއްވީ ވަރައް ރަނގަޅުކަމެއް މީދިވެހިން ދުވަހަކުވެސް ހިތެއް ނުފުރޭނެ ފަހައްރާއްކާނުކުރާނެ ނުފޯރާފޮތިންފޫގަޅާނެ..ބަލާ މި އަނގަތަޅާ މީހުން ކޮންމެ އިރަކުކާނީ ރެސްޒތޯރަންޒތުން ސަރުކާރުން ގެދޮރުއަޒލާދީފަ ތިބި ކިތައްއާއިލާތޯ އެތަންތަން ކުއްޔައްދީފަ މާލެއިން ދެމަފިރިން ފްލެޓް ނަގައިގެން ދިރިއުއުޅެނީ ދެން ބުނާނެ ލާރިއެއްނެތޭ ހުރިހާހަލާކަކީ މި ދެކުނުގެ މީހުންކަމައް ގިނަބަޔަކު އެއްބަސްވޭ

    1
    4
  17. Anonymous

    މީ ހަމަ ހުސް ދޮގު. މިގޭގައި އުޅެނީ 4 މީހުން. އެކަމު ކަރަންޓް ބޭނުން ކުރާވަރު 400 ޔުނިޓަށް ވުރެ އަބަދުވެސް މާމަތި. ވަގުތު ނޫހުން ތަންކޮޅެއް ޒިންމާދާރުވާން ވެއްޖެ

  18. ކަރަންޓު

    ކަރަންޓު ބިލަށް ވާގޮތެއް ނޭނގުނު. އަގު ހެޔޮ ކުރި ފަހުން މަހަކަށްވުރެ މަހެއް ބިލަށް އަރާ ވަރު ބޮޑު. ކުރިން 300 ރުފިޔާ އެރި ބިލަށް މިހާރު 700 އަރާ. އޭރުވެސް މިހާރު ވެސް ބޭނުންކުރަނީ ހަމަ އެއް ސާމާނެއް. ގިނަވާނީ ގޭގައި މީހުންވެސް ނޫޅޭ ދުވަސްތައް. އެގޮތުން މަހަކު އާއްމުކޮށް ދޮޅު ހަފުތާވަރު ގޭގައި އެއްވެސް މީހަކު ނޫޅެވެސް ދާނެ. އެކަމަކު ކަރަންޓު ބިލު ވަނީ ހައްތާ ބޮޑު.