2017 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން 6 އަތޮޅަކަށް ކޮށްފައިވާ ތަޙުޤީޤު ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ބަލާފައިވަނީ ގދ އަތޮޅުން ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އޭސީސީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު މިޝަނުން 6 އަތޮޅަކަށް ކޮށްފައިވާ ތަޙުޤީޤު ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ބަލާފައިވަނީ ގދ އަތޮޅުން، އެއީ 40 މައްސަލައަކާ ގުޅިގެން 92 ބަޔާނެވެ.

33 މައްސަލައަކާ ގުޅިގެން 92 ބަޔާނާއިއެކު ދެވަނައަށް އެންމެ ގިނަ މައްސަލަ ބަލާފައިވަނީ ގއ އަތޮޅުންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ މައްސަލަ ބަލާފައިވަނީ އދ އަތޮޅުންނެވެ. އެއީ 20 މައްސަލައަކާ ގުޅިގެން 20 ބަޔާނެވެ.

2017 ވަނަ އަހަރު އެ ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެން ނުވާކަމަށް 1313 މައްސަލަ ނިންމާފައެވެ.

އަދި 13 މައްސަލައެއް ބުނެވިދިޔަ ޤާނޫނުގެ 25 ވަނަ މާއްދާގެ(ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާއިރު 12 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

އޭގެ އިތުރުން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނު މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަން އެންގުނު ފައިސާގެ ޖުމްލަ އަދަދަކީ 40.425,729,335,1 (އެއް ބިލިއަން ތިންސަތޭކަ ތިރީސް ފަސް މިލިއަން ހަތްލައްކަ ނަވާވީސްހާސް ހަތަރުސަތޭކަ ފަންސަވީސް ރުފިޔާ ސާޅީސް ލާރި) ރުފިޔާ އެވެ.

އަދި އަނބުރާ ހޯދުމަށްޓަކައި ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށާއި އެކޮމިޝަނުން ވޭތުވެދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި 20.415,091,850,1 (އެއް ބިލިއަން އަށް ސަތޭކަ ފަންސާސް މިލިއަން ނުވަދިހަ އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.