ދިވެހި ބަހުގެ ދުވަސް ރާއްޖޭގެ ސުކޫލުތަކުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

“ބުނާނީ ލިޔާނީ ދިވެހި ބަހުން” މި ޝިޔާރުގެ ދަށުން ފާހަގަ ކުރި މި އަހަރުގެ ދިވެހި ބަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ވަނީ ސުކޫލުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

މިއީ ދިވެހި ބަހުގެ ދުވަސް ފާހަގަކުރާ ހަތަރު ވަނަ އަހަރެވެ. މިދުވަހާއި ގުޅުވައިގެން މައުލޫމާތު ދެމުން އެކަޑަމީގެ ރައީސް އަޝްރަފް އިތުރަށް ވިދާޅުވީ، ދިވެހި ބަހަކީ މުއްސަނދި ރީތި ބަހެއް ކަމަށެވެ. ބަަސް ހީނަރުވާން ދިމާވާ ސަބަބަކީ، ދިވެހި ބަހުން ވާހަކަ ދެއްކެން ހުންނަ ހާލަތްތަކުގައި ބޭރުގެ ބަސް ބޭނުން ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދިވެހި ބަހަށް ހެޔޮއެދޭނަމަ ކުރަން ޖެހޭ އެންމެ ބޮޑު ކަމަކީ ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތަކާއި ގަވާއިދުތައް ދިފާއުކޮށް އަންނަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް އަޝްރަފް ވިދާޅުވި އެވެ.

ދިވެހި ބަހުގެ ދުވަހުގެ މި އަހަރުގެ ޝިޔާރުން ބާރު އަޅަނީ ދިވެހިބަހުން މުޢާމަލާތް ކުރެވެން އޮތް ކޮންމެ ހާލަތެއްގައި ދިވެހި ބަހުން މުޢާމަލާތް ކުރުމުގެ މައްޗަށެވެ. އަދި ދިވެހި ބަހުން ދިވެހިން ކުރާ މުޢާމަލާތް އިތުރުކުރުމުގެ މައްޗަށެވެ.

ދިވެހިބަސް ހީނަރުވާން ދިމާވާ މައްސަލަތަކުގެ ތެރޭގައި ދިވެހި ބަހުން ވާހަކަ ދެއްކެން އޮންނަ އެކި ފެންވަރުގެ ޖަލްސާ ތަކާއި ސެމިނާ ތަކުގައި ދިވެހި ބަހުން ވާހަކަ ނުދައްކާ ބޭރު ބަސްބަހުން ވާހަކަދެއްކުން ހިމެނޭކަމަށް ބަހުގެ އެކަޑަމީން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ރީތި އެކި އެކި ދިވެހި ލަފްޒުތަކުގެ ބަދަލުގައި އިނގިރޭސި ލަފްތައް ބޭނުން ކުރުމަކީވެސް ދިވެހި ބަސް ހީނަރުވާން ދިމާވާ ކަމެއް ކަމަށްވެސް ބަހުގެ އެކަޑަމީގެ ފަރާތުން ވިދާޅުވިއެވެ.