ލ. ފޮނަދޫގައި ނުރައްކާތެރި މިންވަރަކަށް، ހަލުވި ކަމާއެކު ޑެންގޫ ހުން ފެތުރެން ފަށައިފިއެވެ.

މިހާތަނަށް އޭޕްރީލް މަހު އެކަނިވެސް، ފޮނަދޫ ހެލްތު ސެންޓަރަށް ވަނީ ޑެންގޫގެ 19 ކޭސްއެއް ރިޕޯޓް ކޮށްފައެވެ. އަދި އޭގެ އިތުރުން ފޮނަދުއާ އެއް ފަސް ގަނޑެއްގައި އޮންނަ ލ. ގަމުގައި ހުންނަ އަތޮޅު ރީޖަނަލް ހޮސްޕިޓަލުންވެސް ވަނީ ޑެންގޫ ޖެހިގެން ގިނަ ބަޔަކަށް ފަރުވާ ދީފައެވެ.

ޑެންގޫ ނުރައްކާތެރި ބާރު މިނެއްގައި ފެތުރިފައިވާ އިރު، ހެލްތު ސެންޓަރުން "ވަގުތު"އަށް ބުނެފައި ވަނީ ޑެންގޫގެ މަދު ކޭސްތައް ރަނގަޅުވެފައިވާ ނަމަވެސް، ބަލިދަނީ ކޮންޓްރޭލެއް ނެތި ފެތުރެމުން ކަމަށެވެ.

"ކޮންޓްރޯލް ކުރުމަށް މިދަނީ މަސައްކަތް ކުރަމުން. މިހާރު ގޭގެއަށް ގޮސް މައުލޫމާތު ދިނުމާ، ލީފްލެޓްތައް ބަހައިގެން ހޭލުންތެރި ކުރުމުގެ އިތުރުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށްވެސް ހާއްސަ ހަރަކާތްތަކެއް ދަނީ ހިންގަމުން. މިއީ 2004 ވަނަ އަހަރަށްފަހު ފޮނަދޫގައި މިހާ ބާރު މިނެއްގައި ޑެންގޫ ފެތުރުނު ފުރަތަމަ ފަހަރު،" ހެލްތު ސެންޓަރުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް "ވަގުތު"އަށް ވިދާޅުވީ ރަށަށް ވަރަށް ބޮޑަށް ޑެންގޫ ދެތުރެމުންދާ ކަމަށާއި، އެކަން ކޮންޓްރޯލް ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.

"އެންމެ ބޮޑަށް މިހާރު ބަލަމުން މިދަނީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް. ދެން އެންމެ ގިނަ ބަޔަކު ބުނަމުންދަނީ މަގުތައް ހަދަން ފަށާފައި ހުރި އިރު، މަދިިރި އެންމެ ބޮޑަށް އާލާވަނީ ކާނުތަކުގެ ތެރޭގައި ކަމަށް. އެހެންވެ އެތަނުގައި އުފެދޭ މަދިރިތައްވެސް ނައްތާލުމަށް މަސައްކަތް ކުރަމުން މިދަނީ. ދެން މިހާރުވެސް ވާނީ ލީފްލެޓްތަކުގެ އެހީގައިވެސް ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރެވިފައި. އާންމުންނަށް ބައްދަލުވުމެއްވެސް ކައުސިލުން ވަނީ ބާއްވާފައި. އޭގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒާ ގުޅިގެން ހާއްސަ ކަންތައްތަކެއް ކުރެވެމުންވެސް އެބަދޭ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މިއަދުވެސް ސަރުކާރުގެ މުއައްސަސާތަކާއެކު މަޝްވަރާތައް ކުރެވުނު ކަމަށާއި، ސްކޫލާއި ޕްރީ ސްކޫލްތަކާވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. ސަބަބަކީ ސްކޫލްތަކަކީ އެންމެ ބޮޑަށް ބަލި ފެތުރެން މެދުވެރިވާ މާހައުލު ކަމަށްވާތީ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ކައުސިލް ރައީސް ރިޔާޒު ވިދާޅުވީ މަދިރި ނައްތާލުމާއި ހޭލުންތެރިކަން އިތުރު ކުރުމަށް ސަމާލުކަމެއް ދީގެން ހާއްސަ މަސައްކަތްތަކެއް ހިނގާ ކަމަށާއި، ރަށުތެރެ ފޮގް ކުރުމަށްވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެކަންވެސް އެޗްޕީއޭއާއި ހެލްތު ސެންޓަރުގެ ލަފައާއެކު ކުރާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ފޮނަދޫގައި ޑެންގޫ ފެތުރެން ފަށާފައިވާ އިރު، އެރަށުގެ ސްކޫލްތައް ބަންދު ކޮށްފައިނުވާތީ އެކަމާ ބައެއް ފަރާތްތަކުން ވަނީ ޝަކުވާ ކޮށްފައެވެ.