ރާއްޖެއަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެ ހަވީރުން ފެށިގެން ގިނަ ސަރަހައްދުތަކަށް ވަނީ ވާރޭ ވެހެން ފަށާފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ހެނދުނުން ފެށިގެން މިއަދު މެންދުރު ފަހު 15:15 އާއި ހަމައަށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައި ވަނީ ޅ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ އެވެ.
އިއްޔެ ހަވީރުން ފެށިގެން ރާއްޖޭގެ ގިނަ ރަށްރަށަށް ވާރޭ ވެހެމުން މިދަނީ ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެގެން އިއްޔެ ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްޤާ ނަމާދު ކޮށްފައި ވަނިކޮށެވެ.
ތިޔަ މެޓް އޮފީހުން ބުނާ އެއްވެސް ކަމެއް ދިމަލެއް ނުވޭ !