މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަނަކަށް މިއަދު ގާނޫނީ ވަކީލް މުހައްމަދު ޝަހުދީ އަންވަރު އައްޔަން ކުރައްވައިފިއެވެ.

ޝަހުދީ އަކީ ރާއްޖޭން ބޭރުގައި އާބިޓްރޭޝަންގެ މައްސަލަތަކުގައި މަސައްކަތްކުރައްވާ ބޭފުޅެއްކަން ފާހަނގަ ކޮއްލެވެއެވެ. އަދި ރާއްޖޭގައިވެސް ގިނަ މަދަނީ މައްސަލަ ތަކުގައި ވަކާލާތު ކުރަމުން އަންނަ ބޭފުޅެއްވެސް މެއެވެ.

އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމާއި އެ ބޯޑުގެ ޗެއާމަން ކަމަށް ޝަހުދީ އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ މެމްބަރުން އައްޔަންކޮށް، ވަކިކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޓް ކުރުމުގެ މަގު ފަހި ކޮއްދިނުމަށާއި ރާއްޖޭގައި އާބިޓްރޭޓަރުން މަސައްކަތް ކުރުމުގެ އުސޫލުތައް ކަނޑަ އަޅެމާއި މަައްސަލަތަކުގައި އާބިޓްރޭޓަރުން ބޭނުން ކުރުމަށް ހިތްވަރުދީ ރާއްޖެ އާބިޓްރޭޝަންގެ މަރުކަޒަކަށް ހެދުމުގެ މަގްސަދުގައި ގާއިމު ކޮއްފައިވާ ސެންޓަރެކެވެ.

އާބިޓްރޭޝަނަކީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެކެވެ. އާބިޓްރޭޝަން ސެންޓަރުގެ ދައުރަކީ އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރުމެވެ. އާބިޓްރޭޝަންގެ ތެރެއިން މަަައްސަލަ ނިންމާނީ އެ މައްސަލައެއްގައި އެކުލެވޭ ފަރާތްތަކުން އެއްބަސްވާ ގޮތެއްގެ މަތިން އައްޔަން ކޮއްފައިވާ އާބިޓްރޭޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު