ލ.ފޮނަދޫގައި ހަލުވިކަމާއެކު ޑެންގީ ފެތުރެމުންދާތީ، މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ރަށް ސާފު ކުރުމުގެ ބޮޑު ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއަދު ކުރިޔަށް ދިޔަ މި ޕޮރޮގްރާމަކީ ލާމު ފޮނަދޫ ކައުންސިލާއި ލާމު އަތޮޅުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ "ލާމު" އާއި ގުޅިގެން، އެރަށު ހުންނަ ސިއްޙީ މަރުކަޒުގެ އެހީތެރި ކަމާއެކު ކުރިޔަށް ގެންދިޔަ އިވެންޓެކެވެ. މިއިވެންޓްގައި ކައްދޫ އެއަރޕޯސްޓް ލިމިޓެޑްގެ އިތުރުން، ލ.ފޮނަދޫ ޕޮލިސް ސާވިސްއިން އިންވަނީ ބައިވެރި ވެފައެވެ.

އިވެންޓްގެ ތެރެއިން

ކައުންސިލާއެކު މިއިވެންޓް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި "ލާމު" ޖަމިއްޔާގެ ފަރާތުން "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިއަދުގެ އިވެންޓްގައި ޖުމްލަ ގެޔަކަށް ވަކި ވަކިން ވަދެ ސާފުކޮށްފައިވާ ކަމަށާއި ފަޅު ގޯއްޗަކާއި އަތިރިމަތި ފަދަ ތަންތަންވެސް ސާފުކޮށްފައިވާ ކަމަށެވެ.

"މިއަދު ބޮޑަށް ފޯކަސްކޮށްފައި ހުންނާނީ ފަޅު ގޯތި ތަކަށާއި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތާލުމަށް. ފޮނަދޫގައި އެންމެ ގަދަޔަށް ހުންފެތުރެމުން އަންނަ ބަރާސިލް އަވަށުގައި ހުރި މަދިރި އުފެދޭ ތަންތަންވާނީ މިއަދު ނައްތާލެވިފައި. މިގޮތުން ބައެއް ވަޅުތަކަށް މަސް ލުން ފަދަ ހަރަކާތެއްވެސް މިއަދުގެ އިވެންޓްގެ ތެރެއިން ކުރިޔަށްގެންދެވުނު." ލާމުގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ލާމު" ޖަމިއްޔާއަކީ ލާމު އަތޮޅުގެ ރަށްރަށުގައި ހުންނަ އިޖުތިމާޢީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ.