ހައްދުންމަތީ އަތޮޅު ކައުންސިލުން "ވަގުތު" ގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު އަނަސް ޙަބީބް އަދި މުހައްމަދު ޝައްމޫނަށް ހާއްސަ އެވޯޑެއް ދީފިއެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އެވޯޑު ދިނުމުގެ ސިޔާސަތުގެ ދަށުން އަނަސް އަދި ޝައްމޫނަށް ލިބިފައިވަނީ ހިތްވަރު ދިނުމުގެ އިނާމެވެ. އަނަސް އަށް އެ އެވޯޑް ލިބުނީ މުޖުތަމައަށް ހިދުމަތް ކުރުމުގެ ދާއިރާއިންނާއި އާ އުފެއްދުންތަކުގެ ދާއިރާއިންނެވެ. ޝައްމޫނަށް އެވޯޑް ލިބުނީ މުޖުތަމައަށް ހިދުމަތް ކުރުމުގެ ދާއިރާއިންނާއި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިންނެވެ.

އަނަސް އަކީ "ތިކި" މޯބައިލް އެޕްލިކޭޝަނުގެ ފައުންޑަރެވެ. "ތިކި" އެޕްލިކޭޝަަނަކީ ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުން އެއް މަންސައަކަށް ގެނައުމުގެ ގޮތުން ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ. ތިކި އެޕްލިކޭޝަނުގައި މިހާރު 900 އާއި ގާތްކުރާ އަދަދަކަށް ޑޯނަރުން ތިބިއިރު، ދުވާލަކު 600 އާއި 1000 އާއި ދެމެދު އަދަދަކަށް މީހުން އެޕްލިކޭޝަން ބޭނުންކުރެއެވެ.

ތިކި އެޕްލިކޭޝަނަކީ 2021 ވަނަ އަހަރު އަނަސް “ވަގުތު” ގެ އެސިސްޓެންޓް މާކެޓިންގ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔައިރު އުފެއްދި އެޕްލިކޭޝަނެކެވެ. އޭގެ ކުރިން އަނަސް ވަނީ “ވަގުތު” ގެ ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

ޝަމްއޫން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެފައިވަނީ 2011 ވަނަ އަހަރުއެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް "ލާމުއެޓޯލް" ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ޝަމްއޫން މަސައްކަތް ކުރީ "ދުވަސް" ނޫހުގައި ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ޝަމްއޫން ވަނީ "ވަގުތު" ނޫހުގައި ވެސް ކުޅިވަޅު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުޅިވަރު އެވޯޑަށް ޝަމްއޫން ވަނީ ދެ ފަހަރު ނޮމިނޭޓްވެފައެވެ.