ޕޯޓަލް ޑައުންވެގެން ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ހޯދަން ލޯނު އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މިއަދު ހެނދުނު 9.00 އިން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގެ ސަރވަރއަށް މައްސަލައެއް ދިމާވުމުގެ ސަބަބުން މި މިނިސްޓްރީގެ ޕޯޓަލްއަށް އެޕްލިކޭޝަން ހުށަހެޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އެ ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލުކުރުމަށް 24 ގަޑިއިރު ވާނެކަމަށް އެފަރާތުން މަޢުލޫމާތު ދެއްވާފައިވާތީ ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާކަަމަށެވެ.

އެގޮތުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ 13.30 އަށް އިތުރުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މީގެ ކުރިން ވިދާޅުވެފައި ވަނީ ލޯނަށް އެދޭ ދަރިވަރުން އެޕްލިކޭޝަންތައް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ކަމަށާއި، އެޕްލިކޭޝަން ފުރިހަމަ ނުވާ ލޯނުތަކަށް ދެވަނަ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.