ދިވެހި ރާއްޖެއަށް އެތެރެކުރާ ގިނަ މުދާތަށް ދެން އެތެރެ ކުރެވޭނީ ކޮންޓޭނަރުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރެވޭ އިމާރާތް ކުރަން ބޭނުން ކުރާ އަސާސީ މުދަލާއި ޕެރިޝަބަލް މުދާ ފިޔަވައި އެހެނިހެން ހުރިހާ މުދަލެއް މިހާރު އިމްޕޯޓް ކުރާނީ ކޮންޓޭނަރުގައި ކަމަށެވެ.

އަދި މި ކޮންޓޭނަރުތަށް ކޮމާޝަލް ބަދަރުން ދޫކުރާނީ ފްރޭޓް ފޯވާޑިންގް އޭޖެންޓްގެ ފަރާތުން ދޭ ޑެލިވަރީ އޯޑާރ މުދާ ދޫކުރާ މުއައްސަސާތަކަށް ހުޅުވާލައިގެންނެވެ. އަދި ފަހަކަށް އެކި ނަންނަމުގައި ގިނަ ގުނަ ޗާރޖެސް ނަގާކަމުގެ ޝާކުވާވެސް ލިބޭކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ މިފަދަ ޗާޖްތަށް އުސޫލެއް ނެތި ނެގުމުގެ ނަތީޖާއަކީ ބާޒާރަށް ނެރެވޭ މުދަލުގެ އަގު އުފުލިގެން ދިޔުން ކަމަށެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބަޔާން ކޮއްފައިވަނީ ޑެލިވަރީ އޯޑަރ ދޫކުރުމުގައި ބަނދަރަށް ދައްކަން ޖެހޭ ސްޓީވްޑޯރިންގ، ޓާމިނަލް ހޭންޑްލިންގ ޗާޖް، ކަސްޓަމްސް އަށް ދައްކަން ޖެހޭ ޗާޖްގެ އިތުރުން ޑީއޯ އެޑްމިނިސްޓްރޭޓިވް ޗާޖް ފިޔަވައި އިތުރު އެއްވެސް ޗާޖެއް ނުވަތަ ފީއެއް ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި މިގޮތަށް އަމަލު ނުކޮއްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.