އަނބަކީ ހޫނު ހިސާބު ތަކުގައި ހެދޭ މޭވާ އެކެވެ. ގަސްގަހާ ގެހީގެ ބާވަތްތައް ބަހާފައިވާއިރު އަނބު ނިސްބަތްވަނީ މެންގިފީރާ ކިޔާ ޢާއިލާ އަކަށެވެ. މިޢާއިލާގައި މޭވާ އަޅާ ތަފާތު 30 ބާވަތެއްގެ ގަސް ހިމެނެއެވެ. އަނބު ޢާންމު ގޮތެއްގައި ހެދެނީ އިރުމަތީ އޭޝިޔާ އާއި، ދެކުނު އޭޝިޔާގެ ގައުމު ތަކުގައިކަމަށް ފާހަގަ ކުރެވިފައި ވެއެވެ. ޚާއްޞަކޮށް އިންޑިޔާ، ބަގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ބަރުމާ، ފިލިޕީންސް އަދި އިންޑޮނޭޝިޔާ ފަދަ ގައުމު ތަކުގައި އަނބު ހެދޭ މިންވަރު އިތުރު ކަން ފާހަގަ ކުރެވެއެވެ.

އަނބަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. އަދި ހަމަ މިހެން ބީޓާ ކެރޮޓީން އަދި ފައިބަރު ވެސް އަނބުގައި އެކުލެވިގެން ވެއެވެ. މައިދާ އަށް ކުރިމަތިވާ މައްސަލަތައް ރަގަޅު ކުރުމުގައި އަނބަކީ ބޭނުންތެރި މޭވާއެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.

އަނބަކީ އޭގައި ފީނޮލިކް ކަމްޕައުންޑްތައް އެކުލެވޭ ކާނާގެ ބާވަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފީނޮލިކް ކަމްޕައުންޑް އެކުލެވޭ ކާނާގެ ބާވަތްތަކަކީ ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން ހިމާޔަތް ކޮށްދިނުމުގައި އެހީތެރިވެދޭ ބާވަތްތަކެކެވެ. އަނބުގައި އެކުލެވޭ ފީނޮލިކް ކަމްޕައުންޑް ތަކުގެ ތެރޭގައި ކޮރެސްޓިން، އަސްޓްރަގްލިން، ގަލިކް އެސިޑް އަދި މީތައިލް ގަލޭޓް ފަދަ މާއްދާތައް ހިމެނެއެވެ.

ދަނގަޑު ގިނަ ޢަދަދަކަށް އަނބުގައި ހިމެނޭތީ ލޭދަށްވުން ތަޙައްމަލު ކުރަމުންދާ މީހުންނަށް އަނބު ކެއުމަށް އިރުޝާދު ދެވެއެވެ. މާބަނޑު އަންހެނުންނާއި، މައްސަރު ކަންތައް ލައިގެންފައިވާ މީހުން އަނބު ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ. އެއީ ބޭރުވެގެންދާ ލެޔާއެކު ގެއްލިގެންދާ ދަނގަޑުގެ ބައި އަބުރައި ހޯދުމަށް އަނބު ބޭނުންކުރުން އެހީއަކަށްވާތީ އެވެ.

މިހިނގާ ރޯމަ މަހާއި ދިމާކޮށް، ބާޒާރުގައި އަނބު ތިޔާޤި ނަމަވެސް އާއްމު ގޮތެއްގައި ލިބެން ހުރީ ރާއްޖެއިން ބޭރުން އެތެރެކޮށްފައިވާ އަނބެވެ. ބޭރު އަނބު ކިލޯއެއް ލިބެނީ 170 ރުފިޔާ އަށެވެ. އަނބުގެ ވިޔާފާރި ރަނގަޅު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަނބުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

"ދިވެހި އަނބު މި ވިއްކަނީ 100 ރުފިޔާ އަށް ފަސް އަނބު ނުވަތަ ހަ އަނބު. ދެން ވަރަށް ކުދިކޮށް މި ހުންނަނީ. ނަމަވެސް ބޭރު އަނބު ބޮޑެތި ވެފަ ފަނި ގިރާލަން މާ ރަނގަޅު. ރޯދަ މަހު އަނބުގެ ވިޔަފާރިވެސް ގޯހެއް ނޫން. ކުރިއަށް އޮތްތަނުގައި އަގަށްވެސް ހެޔޮ ބަދަލެއް އަންނާނެ." މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

ރޯދަމަސް ފެށިގެން ކުރިއަށްދާއިރު، އާއްމު ގޮތެއްގައި ބާޒާރުގައި ވިއްކާ ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު