ގއ. ކަނޑުހުޅުދޫ އިން ކަރަންޓް ކެނޑިފައި އޮންނަތާ ގަޑިއިރުތަކެއް ވެއްޖެ ކަމަށް އެރަށުން މައުލޫމާތު ދީފިއެވެ.

ކަނޑުހުޅުދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މިއަދު ހެނދުނު ހަތެއް ޖަހާ ކަންހާއިރުން ފެށިގެން އެރަށުގައި ކަރަންޓް ނެތް ކަމަށެވެ.

ރަށުގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުންނާއި ހަވާލާދީ "ވަގުތު" އަށް މައުލޫމާތު ދިން އާއްމު ރައްޔިތަކު ބުނީ މިއަދު އިރުއޮއްސޭއިރު ވެސް ރަށަށް ކަރަންޓް ދެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކަނޑުހުޅުދޫއަށް ކަރަންޓް ދޭން ބޭނުން ކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ޖަނަރޭޓަރެއް ހަލާކުވެފައި ހުންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. މިއަދު ކަރަންޓް ކެނޑުނީ މިހާރު ކަރަންޓް ދޭން ބޭނުން ކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކު ވެގެން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެޖަނަރޭޓަރަށް ދިމާވި މައްސަލައެއް ސާފެއް ނުވެއެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަނޑުހުޅުދޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ދެޖަނަރޭޓަރު ގެނައި ނަމަވެސް ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް މިހާރު ނުކުރާތީ ރަށުގެ ކަރަންޓްގެ ހާލަތު ދަށަށް ދިޔައީ ކަމަށެވެ.

"ކަނޑުހުޅުދުއަށް މިދިޔަ ފަސް ވަރަކަށް މަސް ދުވަސް ތެރޭގައި ކަރަންޓް މިދެވެނީ ކަނޑުހުޅުދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ ހީވާގި ކުދިންތަކެއް ތިބީތީ. ފެނަކަ އަކުން ނޫޅޭ ކަރަންޓްގެ މައްސަލަ ހައްލު ކުރާކަށް." އޭނާ ބުންޏެވެ.

ފާއިތުވި ހަތަރު ވަރަކަށް މަސް ދުވަސް ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ކަރަންޓް ކެނޑޭ މައްސަލަ ދަނީ ރިޕޯޓް ކުރަމުންނެވެ. ރަމަޟާން މަސް ފެށުނު ފަހުން ވެސް 20 އަށް ވުރެ ގިނަ ރަށުން ކަރަންޓް ކެނޑިގެން ރިޕޯޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ްެެކަނޑޫދޫ މިރުސް

    އެހެން ނަހަދާ ހިނގާ އެހެންވީމަ މިރުހުގެ އަގު ބޮޑު ކޮށްލަން ?

    2
    3
  2. ޢިކުރާމު

    ތީއަދި ކަރަންޓް ކުޅުދުއްފުށީގަ ޔާމީން ސަރުކާރުން ގާއިމު ކުރި ބޮޓަލިން ވޯޓަރ ޕުލާންޓް ރަންނުކޮއް ހުރީ ކުޑަކުޑަ ފިޓިންސްއެއް ހަލާކުވެހުރެގެން ކަމައްބުނަނީ އެއީވެސް ދޮގެއް މާލޭފުޅު ވިޔަފާރި ތަކައް އަސަރުކޮއްފާނެތީ ހަމައެހެންވެ ރައްޔިތުންދެކެ ލޯބިވީހަމަ ޔާމީން ލޮލަކައް ކަނދުރާއަކައް ނުބަލާ

    11
  3. އާބިދާ

    ސާބަހޭ. ގައިމު މިދިޔަ ސަރުކާރުގަ މުޅި ރާއްޖެއިން ކަރަންޓް ކެނޑި، އަސާސީ ޚިދުމަތަށް ބުރޫއަރާ ވަރަކަށް ނުދޭ. އެހެން ރަށަކުން ކަރަންޓް ނުކެނޑޭ ވާހަކައެއް ނޫން. މިހާރު އެކަމަކު ހައްދުފަހަނައަޅާ ގޮސްސި. އެންމެ ދެކުނުން ފެށިގެން އުތުރަށް އަބަދު ކަރަންޓް ކެނޑޭ ވާހަކަ. މިއީތޯ ވައުދުވި ޖަޒީރާ ރާއްޖެއަކީ؟ ކަރަންޓް ބޭނުން ނުކޮށް ފުޅިބައްތިއާ ދިމާއަށް ދާންވީތޯ؟ ނާގާބިލު ބަޔަކާ ކަންކަން ހަވާލުކުރެވުމުގެ ހިތި ނަތީޖާ މިފެންނަނީ.

  4. އައްޔު

    ކޮބާތަ ރަންރީދޫ ޓްވިޓަރޭމެން ކަރަންޓް ސޯލިހުވެއްޖެއޭ ކިޔާ ނުގޮވަމުތަ؟ ޔާމީނު ސަރުކާރުގައި ކަރަންޓް ދިޔައީމަ ގޮވާހެން ގޮވާބަލަ ރައްޔިތުންގެ ފައިދާއަށް ގޮވާމީހުން ގޮވާނެދޯ ކޮންމެ ސަރުކާރެއް އޮތަސް

  5. ވަގުކިނބޫ

    ކަރަންޓް ކެޑުމަކީ ސަރުކާރުމައްސަލައެްނޫން ކަނޑުހުޅުދޫ އިންޖީނުގެ މައްސަލައެއް

  6. އަލިބެ

    އާން ވަރަށް ހީވާގި ވާނެ އެރަށު ފެނަކަ މުއައްޒަފުން. އެވެރިން ގެ މައިގަނޑު މަސައްކަތަކީ އެތަނުގަ ކޮތަރު ކޮށި ހަދައިގެން ކޮތަރު ގެންގުޅުން. ކޮންޓުރޯލް ރޫމުގައި ޖޯލިފަތި އަޅައިގެން ނިދުން. ލޮލުން ދެކެ އަތުންް ހިފާާފަ މިބުނީ.