މިއަދު ވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެން ވާ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

މިހަފްތާ ފެށުނު ފަހުން ދެކުނުގެ އަތޮޅުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ލަފާ ކުރެވޭ ގޮތުގައި ހުކުރު ދުވަހާއި ހަމައަށް ވިއްސާރަ ކުރާނެއެވެ.