ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް އެމްޓީސީސީގެ ލޯންޗެއްގެ ބެޓެރި ގޮވައިގެން އިއްޔެ ހިނގި ހާދިސާގައި ބޮޑަށް ފިހުނު މީހާ އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ގެންދަން ނިންމައިފިއެވެ.

އިއްޔެ ހިނގި ހާދިސާގައި ތިން މީހަކަށް އަނިޔާ ވިއެވެ. އޭގެތެރެއިން ފިހުނީ ދެމީހެކެވެ. އެދެމީހުންގެ ތެރެއިން ބޮޑަށް ފިހިފައި ވަނީ އުމުރުން 39 އަހަރުގެ އަލީ އިމްރާނެވެ. އޭނާގެ ހަށިގަނޑުގެ 30 އިންސައްތަ ވަނީ ފިހިފައެވެ.

އިމްރާނަށް އިއްޔެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ނަމަވެސް ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

އިމްރާންގެ އާއިލާ އިން މިރޭ ބުނީ ލޯންޗްގެ ބެޓެރި ގޮވި ހާދިސާގައި އިމްރާންގެ މޫނާއި ބަނޑާއި ދެއަތް ފިހިފައިވާ ކަމަށެވެ.

އާއިލާ އިން ބުނީ އިމްރާން ރާއްޖެ އިން ބޭރަށް ގެންދިއުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

ފުލުހުން އިއްޔެ ވިދާޅުވީ ހުޅުމާލޭ ލަކުޑި ޖެޓީގައި އޮތް އެމްޓީސީ އެކްސްޕްރެސް-1 ލޯންޗްގެ ޕެޓްރޯލް ޕަމްޕް ސްވިޗް ބަދަލު ކުރަން އުޅުމުގެ ތެރޭގައި ސްޕާކް ވެގެން ބާރު އަޑަކާއި އެކު ބެޓެރި ގޮވީ ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އެމްޓީސީސީ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.