މާލެ އާއި ރ.އަތޮޅާއި ދެމެދު ދަތުރު ކުރާ ބޯޓަކަށް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މާލެއިން ފުރައިގެން 15 މީހުނާއެކު ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ ފަތިހު 05:22 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ބ.އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގައި އޮތް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބ.އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

އާލާ ބޯޓުން ދަތުރުކުރަމުންދިޔަ 15 މީހުން މިހާރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްއަށް ނަގާފައިވާއިރު، ބޯޓުގެ ބޮޑު ބައި ވަނީ އެއްކޮށް އަޑިއަށްގޮސްފައެވެ.

އަދި ޅ.މާފިލާފުށިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވެސް އަންނަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.