ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ ބޯޑު މެންބަރުކަން ކުރެއްވި ސިނާން އަލީ އަށް މިސަރުކާރުން ވެސް އެމްޓީސީސީގެ ބޯޑު މެންބަރުކަން ދެއްވައިފިއެވެ.

ސިނާން އަކީ "ވަން އޮންލައިން" ގެ ވެރިޔާ އެވެ. އޭނާ ވަނީ ކުރިން "ސަން" މީޑިއާ ގްރޫޕްގެ ސީއީއޯ ކަން ވެސް ކުރައްވާފައެވެ.

ސިނާން ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ބޯޑު މެންބަރު ކަމާއި އެމްޓީސީގެ ބޯޑު މެންބަރުކަން ކޮށްފައެވެ. އަދި ސްޓެލްކޯގެ ޗެއާމަން ކަމަށް ވެސް ޔާމީންގެ ވެރިކަމުގައި އޭނާ އައްޔަން ކުރިއެވެ.

ރައީސް ޞާލިހްގެ ވެރިކަމުގައި ސިނާން އެމްޓީސީސީގެ ބޯޑަށް އައްޔަން ކުރެއްވީ ފެބްރުއަރީ މަހުގެ 02 ވަނަ ދުވަހު އެވެ.

އޭނާ މިހާރު ހުންނެވީ ކޮން ޕާޓީއެއްގައި ކަމެއް ކަށަވަރެއް ނޫނެވެ. ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އެމްޑީއޭގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.

ވެރިކަން ބަދަލު ކުރުމާއި އެކު "ސިޔާސީ ފިކުރު ބަދަލުކޮށްލާ" ފަރާތްތަކަށް މަގާމު ދޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މީީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. ސިނާނަށް އެމްޓީސީސީގެ ބޯޑު މެންބަރު ކަން ދިނުމުން އެމްޑީޕީގެ ގިނަ މެންބަރުން ދަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ މަގާމުތައް އެމްޑީޕީ މެންބަރުންނަށް ނުލިބުނު ނަމަވެސް މިހާރު އެމްޑީޕީ އަށް ވެރިކަން ލިބުމުން އެމްޑީޕީ މެންބަރުންނަށް އިސްކަން ދޭން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްމި

    ތީ ގެންވެސް ހާމަވަނީ ރައީސް ޔާމީނުގެ ސަރުކާރު ރަގަޅުކަން

    16
    4
  2. އާރު

    މޭޒު މަތީގައި ކުޅިވަރު ކުޅެން ވަރަށް މޮޅުވާނެ

    10
    4
  3. އާރު

    އަންހެން ކުދީންނަށް ވަޒީފާ ދޭނެ ކަމަށް ބުނެ އޮފީހަށް ގެނެސް، ބްލެކްމެއިލް ކުރުމުގެ ތުހުމަތު އެޅިފައިވާ މީހެއް، އޭގެ ވީޑިޔޯތައް އިންޓަރނެޓުގައި ހުންނާނެ ފެންނަން! މިއީ ތޯ ނަޒާހަތްތެރި ސަރުކާރުން ކުރާ ކަމަކީ!

    13
    3
  4. ފުއާދު

    މީނައައް މިމަގާމް މިލިބެނީ މީނަ ކުޅުނު ފިލްމައް އެވޯޑެއް ލިބިފަވާތީވެ.އެކަން އެމް ޑީ ޕީ މީހުްން ނައް ނޭގެނީތަ؟

    13
    2