ކ.ގުރައިިދޫ ސިއްހީ މަރުކަޒުގެ ވެރިއަކަށް ހުންނެވި އިބްރާހިމް އިރުޝާދު މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރީ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރުމުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އިބްރާހިމް އިރުޝާދު މަގާމުން ވަކިކޮށްފައިވާކަން ހާމަކޮށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ސޮއި ކުރައްވާ އިއްޔެ އިބްރާހިމް އިރުޝާދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެދަށުން ކަމަށެވެ.

އިބްރާހިމް އިރުޝާދު އެމަގާމުން ވަކިކުރިއިރު އޭނާ ހުންނެވީ ގުރައިދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަ ހެލްތް ސާވިސްގެ މަގާމުގައެވެ.

ނަޝީދުގެ ވަފާތެރިން އުފައްދަން މަސައްކަތް ކުރަމުން ގެންދާ ދަ ޑިމޮކްެރެޓްސް އަށް ސޮއި ކުރި ގިނަ ބަޔަކު މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި ފެނަކަ މުވައްޒަފަކު ވެސް ވަނީ އެޕާޓީއަށް ސޮއި ކުރުމުން ވަޒީފާ އިން ސަސްޕެންޑް ކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މީހަކު ފާޅުކުރާ ހިޔާލެއްގެ ސަބަބުން ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދެއްވާފައެވެ. އެކަން ފާހަގަކޮށް ޑިމޮކްރެޓްސްގެ މެންބަރުން މިހާރު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ފޯމް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން އަންނަނީ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދުހަމު

    އެމުޑީޕީ އުފެދުމުގެ އަސްލާ ހިލާފުވަމުން މިދަނީ

    9
    2
  2. މުނީރު

    ސިއްހީ މަރުކަޒުގައި ތިބެނީ ސިވިލް ސާރވަންޓުންނެއް ނޫންތަ. ވަޒީފާއިން ވަކިކުރާނީ އަދި ވަޒީފާ ދޭނީވެސް ސިވިލް ސާރިވިސް ކޮމިޝަނަކުންނޫންތަ. ރައީސް އޮފީހުން ވަޒީފާ ދީ ވަކިކުރަނީ ސިޔާސީގޮތުން އައްޔަނުކޮށްފައިތިބޭ މީހުނެއްނޫންތަ. މިވަނީ ކިހިނެތް.

    6
    2