ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކު އިންތިޚާބު ކުރަން ނަގާ ވޯޓާއި ދިމާކޮށް އެމްޑީޕީގެ މެންބަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މައްޗަށް ވެސް ކޮށްފިއެވެ.

މެންބަރުންނަށް ނޫފޫޒު ފޯރުވަން ރޮޒައިނާ މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ.

މަޖިލީހުގެ ރައީސް ހޮވުމަށް ނަގާ ވޯޓާއި ދިމާކޮށް ބައެއް ވަޒީރުން އެމްޑީޕީގެ މެންބަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް އެމްޑީޕީ ޕީޖީގެ ވަޓްސްއެޕް ގްރޫޕްގައި ދެކެވުނު ވާހަކައަކަށް ރައްދު ދެއްވާ އިމްތިޔާޒް ވަނީ ރޮޒައިނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައެވެ.

އިމްތިޔާޒް ވިދާޅުވީ މަޝްރޫޢުތަކާއި ގުޅުވައިގެން މެންބަރުންނަަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ގެންދަނީ ވަޒީރުން އެކަނި ނޫން ކަމަށެވެ.

"ސީދާ ރޮޒޭ ވެސް އެބަހުރި މެންބަރުން ކައިރީ އާސަންދަ ނުލިބޭނެ ކަމުގެ ވާހަކަ ދައްކާ ނުފޫޒު ފޯރުވަން އުޅެފައި. އަދި އެމީހެއްގެ ސިޔާސީ ކެރިއާ އެމީހަކު އަމިއްލަ އަށޭ ނިންމާނީ، އެހެން ވީމާ އަފީފަށް ވޯޓް ދޭށޭ ވިދާޅުވެފައި." އިމްތިޔާޒްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

އިންތިޔާޒްގެ މެސެޖްގެ ސްކްރީން ޝޮޓެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކު އިންތިޚާބު ކުރަން ނަގާ ވޯޓާއި ދިމާކޮށް އެމްޑީޕީގެ މެންބަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އިއްޔެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބައެއް ވަޒީރުންގެ މައްޗަށް ކުރައްވާފައެވެ.

މެންބަރުންނަށް ނުފޫޒު ފޯރުވަން އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީ އިން ނެރޭ ބޭފުޅަކު މިރޭ އެޕާޓީ އިން ނިންމާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުން

    ތިޔައީވެސް ބޮޑު ކަރަޕްޝަންގެ އަމަލެއް އަދި ވަޒީރުން ކުރިޔަސް އެއްވެސް ކަމެއް ވަކި ގޮތަކަށް ކުރުމަށް މަޤާމުގެ ނުފޫޒް ފޯރުވުމަކީ ކަރަޕްޝަންގެ އަމަލެއް
    ވީމާ އަވަހަށް އެފަދަ މީހުން ވަޒީފާ އިން ދުރަށްލުމަށް ފެނޭ

  2. އަލީ

    އިންތި ހާދަ ވަރަކަށޭ އަންނިއާ ހިތާވެގެން ތިއުޅެނީ.

    18
    3
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިބައިގަނޑުގެ ތެރޭގަ ނުހުންނާނެ ރަނގަޅު އެކަތިވެސް.

  4. ސުންޕާ

    ތިމާމެން ބޭނުން ވާގޮތް ނޫން ގޮތެއް ވެއްޖިއްޔާމު ނަރަކަ ވެރިއެއް. އަހަރުމެން ދަންނަން ތިމީހުން މިހާރު ވަރަށް ފަރިތަކަމާއި އެކު.

  5. ޝަރަފް

    ބަލިވާ ހެން ހީވީމާ ބިރުން. ޔާމީނަށް ވާގޮތް އެވަނީ. ހައިރާނެއް ނުވޭ.