ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސީޓީ ހިތަދޫ އެޕޯލޯ ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ފިހާރައިގައި ހުރި ތިޖޫރީ ވަގަށް ނަގައިފިއެވެ.

މި މައްސަލަ މިއަދު ހެނދުނު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

އެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި އެ ތިޖޫރި ވަގަށް ގެންދިޔައިރު، އެ ތިޖޫރީގައި ތެރޭގައި 1200 ޑޮލަރާއި 27،704 ރުފިޔާ ހުންނާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ކުރި މަސައްކަތުން މިހާރު ވަނީ ތިޖޫރި ހޯދާފައެވެ. ނަަމަވެސް އޭގައި އެއްވެސް ފައިސާއެއް ނެތެވެ.

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުން ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.