"ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެގެން ދިއުމާއި އެކު ސީރިޔާގެ ފަޤީރު، އަދި ބޭނުންޖެހިފައިވާ މީހުންނަށް ދިވެހި ރާއްޖޭގެ ރައްޔިތުން ދައްކުވައިދީފައިވާ ދީލަތި އެހީތެރިކަމަށް އަހަރެމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އަހަރެމެން 8 އަހަރު ވަންދެން މި ދިޔައީ ބުނެދޭންވެސް އުނދަގޫފަދަ ވޭނާއި ހަމަނުޖެހުންތައް ތަޙައްމަލުކޮށް، އޭގެ ސަބަބުން އަހަރެމެންގެ ބައްޕައިންނާއި މަންމައިން އަދި ދަރީން އަހަރެމެންގެ އަތްތަކުން ވަޅުލުމުގައެވެ. މިހާ ދުވަސް ވީއިރު އަހަރެމެން ހީކޮށްގެން މިތިބީ ދުނިޔެ އަހަރެމެންގެ މަތިން ހަނދާންނެތިފައިވާ ކަމަށެވެ. އަހަރެމެން ހީކުރީ އަހަރެމެން އެހީއަށް އެދި އެދި އެކަމާއި މެދު ދުނިޔެ ވަރުބަލި ވެފައިވާ ކަމަށެވެ. އަހަރެމެން ހީކުރީ މިތަނުގައި ހިނގާ މާރާމާތީތަކާއި ސުންނާފަތި ކުރުމުގެ މަންޒަރުތައް ފެނި ފޫހިވެފައިވާ ކަމަށެވެ." މިއީ ސީރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމުންގެ ފަރާތުން ދިވެންހިންނަށް ފޮނުވި މެސެޖުން ބައެކެވެ.

ސީރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމުންވަނީ އެމީހުންގެ ހުރިހާ ހެޔޮ އެދުންތަކާއި ދުޢާތަކެއް ދިވެހިންނާއި އެކީ އަބަދުވެސް ވާކަމަށް ބުނެފައެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް، އެމީހުންނަށް ފޯރުކޮށްދީފައިވާ އެހީތެރިކަން އެމީހުން ވަނީ ޝުކުރުވެރިކަމާއި އެކު ބަލައިގަނެފައެވެ.

"ނިމިގެން މިދިޔަ ރަމަޟާން މަހު، އައިއޭސީ އަދި ދިވެހި ރާއްޖޭގެ ރައްޔިތުންގެ ސަބަބުން އަހަރެމެންގެ ހިތްތަކަށް އައު އުންމީދެއް ގެނުވައިފިއެވެ. އެ މަހުގައި ތިބާގެ ޖީބުތަކުން ތިބާގެ ބުރަ މަސައްކަތުން ހޯދާފައިވާ ފައިސާތައް ތިޔަބައިމީހުންނަށް އަމިއްލައަށް، ދަރިފުޅަށް، މަންމަ އަށް ނުވަތަ ބައްޕަ އަށް ހޭދަކުރުމުގެ ބަދަލުގައި ހިތުން ރުހުމުން ތިޔަ ނިންމީ އެ ފައިސާ އަހަރެމެންނަށް، ސީރިޔާގައި މިތިބަ މީހުންނަށް ހޭދަކުރާށެވެ. އަހަރެމެންނަކީ ތިބާ އަށް އެނގޭވެސް ބައެއް ނޫނެވެ. އަހަރެމެންނާއި ދިމައެއްވެސް ނުވެއެވެ. ލޮލުންވެސް ނުދެކެމެވެ. އަދި އަޑުއެހި ބައެއްވެސް ނޫނެވެ. އެކަމަކުވެސް ތިބާމެންގެ ކިބައިގައި އަހަރެމެންނަށް އެހީތެރި ވުމަށްޓަކައި އެވަރުގެ ހިތްހެޔޮކަމެއް ހުރެ އަހަރެމެންނަށް އެހީތެރި ވެއްޖެ އެވެ. އެއީ ކިތަންމެ ކުޑަ އަދި ބޮޑު އަދަދުން ކަމުގައިވިޔަސް އަހަރެމެން ތިބާމެންނަށް މުޅި ޢުމުރަށް ޝުކުރުވެރިވާނަމެވެ. ދެރަ ކަމަކީ އަހަރެމެންނަށް ތިބާމެން ފޯރުކޮށްދިން އެހީއަށް ޝުކުރުވެރިވާނެ ގޮތެއް ނުވެސް އެނގުމެވެ." ސީރީޔާގެ މެސެޖުގައި ބަނީ ބުނެފައެވެ.

ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައަށް އަށް އަހަރު ވެފައިވާއިރު މިހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ އެއްބަޔަކީ ސީރިޔާގެ މުސްލިމުންނެވެ. ހަލަބުގައި ސީރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ހަމަލާ ބަދަލުކުރެވެމުންދާއިރު، މި ނިމިދިޔަ ރަމަޟާން މަހުވެސް އެމީހުންގެ ހާލަކީ އެއީއެވެ. އެތައް ޤައުމުތަކަކުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ އިރު، ރާއްޖޭންވެސް މި ވަނީ މި ކަމުގައި ނަމޫނާ ދައްކާފައެވެ. ސީރިޔާގައި ހާލުގައި ޖެހި، ގެދޮރު ގެއްލިފައިވާ މުސްލިމުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ލޯތްބާއި އެކު" ކެމްޕޭނުގެ ދަށުން ސީރިޔާގެ މުސްލިމުންނަށް މި ވަނީ ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސީރިޔާގައި އިންސާނީ އެހީދޭ ޖަމާއަތެއް ކަމުގައިވާ ދަ ސީރިޔެކް އޯތޮޑޮކްސް އާޗްޑަޔޯސީސް އޮފް އަލެއްޕޯ އިންވެސް ވަނީ ހަލަބުގެ މުސްލިމުންނަށް ރޯދަ މަހުގެ ކޮންމެ ދުވަހަކުވެސް ހާރާއި ރޯދަވީއްލުމަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދީފައެވެ. މި ފަރާތްތަކުން ކާބޯތަކެތި ފޯރުކޮށްދެމުން ގެންދަނީ ގިނަ އަދަދެއްގެ ކްރިސްޓިއަނުން ދިރިއުޅޭ ސުލޭމާނިއްޔާ އަވަށުގައި އުޅޭ ހާލުގައި ޖެހިފައިވާ މުސްލިމުންނަށެވެ. ކްރިސްޓިއަން އާއިލާތަކުން ތައްޔާރުކޮށްފައިވާ ކެއުންތައް ބަހަމުން ގެންދަނީ ދަ ކެތީޑްރަލް އޮފް ސެއިންޓް އެފްރެމް ދަ ސީރިޔަން ފައްޅި މެދުވެރިކޮށް އެއްވެސް އަގެއް ނެގުމެއް ނެތި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިިިހުން

    ރޮވިޖެއް

    37
  2. ކިޔާ

    ރޮވިއްޖެ..އަސަރުގަދަ މެސެޖެއް..

    36
  3. ޢަސޫމް

    މި ދިވެހިރާއއޖެއަށް ނިސްބަތްވާ 33 ކުދަކުދިންނާއި 11 އަންހެނުން ސީރިޔާގަ ބިކަހާލުގައި ރޮއެ މަރުވަމުން ސަލާމަތަށްއެދި އާދޭސް ކުރަމުންދާއިރު ދިވެހި ސަރުކާރުން އެއްވެސް އަޅާލުމެއް ބަލާލުމެއްނެތި ތިބޭއިރު ތީ ކޮން ވާހަކައެއްބާ! ކަންދެއްކުން ފިޔަވާ އެހެންކަމެއްނޫންތީ.

    2
    18
    • ލިލިއަން❤

      ގަދަ ކަމުން އޮޅުވާލަގެންތަ ގެންދިޔައީ؟ ޙާލުގަ ޖެހުނީމަ ގެންނަން. ޢަމިއްލަޔަށް ގޮސް ގެނެސްބަލަ

      16
      3