ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ލޯނަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު މިމަހުގެ 24 ވަނަ ދުވަހުގެ 13.30 ގެ ކުރިން ލޯނަށް ކުރިމަތިލާން ޖެހޭނެއެވެ. ލޯނަށް ކުރިމަތިލާން ޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިފަހަރު ހުޅުވާލާފައި ވަނީ 163 ލޯން ފުރުސަތެވެ. އެއީ ފުރަތަމަ ހުޅުވާލި 242 ލޯނު ފުރުސަތުގެ ތެރެއިން 79 ފަރާތަކަށް ލޯން ހަމަޖެއްސުމަށް ފަހު ބާކީ އޮތް މިންވަރެވެ. ފުރަތަމަ ލޯނަށް ހުޅުވާލުމުން 993 ދަރިވަރަކު ފޯމު ހުށަހެޅި އެވެ.

މިއަހަރު ސަރުކާރުން ލޯނު ދޫކުރަން ނިންމާފައި ވަނީ ފާއިތުވި އަހަރުތަކަށް ވުރެ ވަރަށް ބޮޑަށް މަދު އަދަދެކެވެ.

މިދިޔަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން 600 ދަރިވަރުންނަށް ލޯނު ދިނެވެ. އަދި 2017 ވަނަ އަހަރު 500 ދަރިވަރުންނަށް 2016 ވަނަ އަހަރު 400 ދަރިވަރުންނަށް ލޯނު ދިނެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ލޯނުގެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ކޯހެއް ފުރިހަމަ ކުރަން ނުވަތަ ލައިސަންސް ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށެވެ.

ލޯނު ދޫކުރާނީ "ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 ޖޫން" ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތަކަށެވެ.

މިހާރު ކިޔަވަމުންދާ ފަރާތެއް ނަމަ، އިސްކަންދޭނީ ކޯސް ފުރިހަމަކުރުމަށް ކުރު މުއްދަތެއް އޮތް ފަރާތްތަކަށެވެ. މިގޮތުން އެއްވަރު ވެއްޖެ ހާލަތެއްގައި ބެލެވޭނީ މެރިޓް އުޞޫލަށެވެ.

ލޯނަށް އެދި ހުށަހަޅާއިރު ރާއްޖޭން ބޭރުގައި ކިޔަވައިގެން ހާޞިލްކޮށްފައިވާ ރާއްޖޭގައި އާއްމުކޮށް ބޭނުންނުކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ އެސެޓްފިކެޓްގެ ފެންވަރު ބަޔާންކޮށްދޭ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ރާއްޖޭން ބޭރުގެ ތަނަކުން ދޫކޮށްފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެސެޓްފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި ކަމަށް އިއުލާނުގައި ވެއެވެ.

އެމް.ކިއު.އޭ އިން ވެލިޑޭޓްނުކުރާ ޕްރޮވިޝަނަލް ސެޓްފިކެޓާއި ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ފަދަ ސެޓްފިކެޓެއް ހުށަހަޅާނަމަ ފުރިހަމަ ކޮށްފައިވާ ކޯހަކީ އެމް.ކިއު.އޭ އިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ އެމް.ކިއު.އޭގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ. އަދި އެސެޓްފިކެޓާއެކު އޭގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ޖެހޭނެއެވެ.

ސެޓްފިކެޓް ނުވަތަ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާނަމަ، ސަރުކާރުގެ އޮފީހަކުން ނުވަތަ ލޯ ފާރމަކުން އެކޮޕީ، އެސެޓްފިކެޓް ނުވަތަ ޓްރާންސްކްރިޕްޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައި އޮންނަން ޖެހޭނެއެވެ. މިގޮތުން ތައްގަނޑުޖަހާފައިވާ ލިޔުމެއްގެ ކޮޕީ ޤަބޫލެއް ނުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ރާއްޖޭގައި ހަދާ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ތަކުގެ ސެޓުފިކެޓުތައް ފިޔަވައި އެހެން ލިޔުންތަކުގެ އަސްލު ލިޔުމުގައި 2 ފުށް ޗާޕުކޮށްފައިވާނަމަ، އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާ ލިޔުމުގައިވެސް 2 ފުށް ކޮޕީކޮށްފައި އޮންނަން ޖެހޭނެއެވެ. އަދި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖެހި ލިޔުމުގައި ލޯ ފާރމް/އޮފީހުގެ ނަން، ތަނުގެ ތައްގަނޑު، ސޮއިކުރި މީހާގެ ނަން، ތާރީޚް އޮންނަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖޫދު

  ހެނދުނުގެ ނާސްތާ ދިނުމަށް ވުރެން ކުދިން ކިޔަވަން ލޯނު ދިނިއްޔާ މާރަނގަޅު

  16
  1
 2. އިބްރާ

  މިފަހަރު އައިޑީ ނަމްބަރަށް ބެލުމަށްފަހު ރީނދޫ އެންމެންނަށް ފުރްސަތު ލިބޭނެކަމަށް ލަފާކުރެވޭ.

  19
  1
 3. ހަޖަމް

  ޕިންކީ ސަރުކާރުގަ ޕިންކް އައިޑީ ކާޑަށްވެސް ފުރުސަތު ވަރަށް ދިން ސޯ ވައި ނޮޓް...ދެން ލަލަލަ

  3
  15
 4. ސުވާލުއުފެދޭ

  ފުރަތަމަ ބުުރުން ހޮވުނު ކުދިންނަށް ވަކި ގައުމުތަކަކަށް އެކަނި، ކިޔަވަން ދެވޭ ގޮތަށް އޮވެފައި މިފަހަރު ހޮވޭ ކުދިންނަށް އެކުއްޖަކު ބޭނުން ގައުމަކަށް ދެވޭ ގޮތަށް ހަމަޖައްސައިދިނުމަކީ ވެސް ހަމަ އިންސާފުތޯ ސުވާލުއުފެދޭ. ކުރީ ބުރުގައި ހޮވުނު ކުދިންނަށް ވަކި ކީއްވެތޯ މި ފުރުސަތު ނުދެއްވަންވީ؟