ރިޔާސި ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލީހަށް ބަލައިގަނެ އެ ބިލް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލަށް ފެންނަ ކަމަށް ވަޮޓު ދެއްވާފައިވަނީ 79 މެމްބަރުންނެވެ. މި ބިލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ދިރާސާކުރުމަށްފަހު ފާސް ކުރަން މަސައްކަތް ކޮށްފައިވާ ބިލެކެވެ. އެހެން ނަމަވެސް މި ބިލް ވަނީ ފާސް ނުކުރެވިފައެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މި ބިލް ފާސް ވެފައި ނުވީ އެ މަޖްލީހަށް، ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ވަޑައިނުގަތުމުން ވޯޓަށް އެހޭ ގޮތް ނުވެގެންނެވެ.
ރައީސުލްޖޫމްހޫރިއްޔާ ވަނީ ވައުދެއްގެ ދަށުން ދެ ކޮމިޝަނެއް އުފައްދަވާފައެވެ. އެއީ ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ އިތުރުން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އުފައްދާވާފައިވާ ކޮމިޝަނެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުންނަށް އިނާޔަތް ދިނުމަށް ހުށަހަޅާފައިވާ ބިލް ވަނީ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ފާސްކޮށް ބޭރުކޮށްފައެވެ.
މި ބިލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރެއްވުމަށް ފޮނުއްވުމުން އަލުން ވިސްނެވުމަށް އަނބުރާ ފޮނުއްވާލާފައިވާ ބިލެކެވެ.
މި ބިލްތަކުގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރަށް އިނާޔަތް ދިނުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ވެސް ވަނީ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ މެޖޯރިޓީން ވޯޓު ދެއްވާފައެވެ.