ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ގުޅޭގޮތުން ޖުޑީޝިއަލް ސާވިސް ކޮމިޝަން، ޖޭއެސްސީން އިން ބަލަމުންދާ މައްސަލަ ހުޅުވާލައިގެން ކުރިއަށްގެންދަން އެދިވަޑައިގަތުން އެ ތަހުގީގުވެސް ހުޅުވާލައިގެން ކުރިއަށްގެންދަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފައިވާއިރު، އެބޭފުޅާގެ ތަހުގީގުވެސް ހުޅުވާލައިގެން ކުރިއަށްގެންދާ ތަހުގީގެއްގެ ގޮތުގައި އެދިލައްވާފައިވުމުން، އެ ތަހުގީގަކީވެސް ހުޅުވާލެވިގެން ކުރިއަށްގެންދެވޭ ތަހުގީގެއްގެ ގޮތުގައި އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ޒަހީން ކުރިން ވިދާޅުވިގޮތުގައި، ގާޒީ ހަސަން ސައީދުގެ މައްސަލައަކީ ކޮމިޝަަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. އަދި އެ ގާޒީ ސަސްޕެންޑްކޮށްފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކޮމެޓީގައި ހިމެނޭ ފަރާތްތަކުން، ގާޒީ ސަސްޕެންޑްކޮށްގެން މައްސަލަ ކުރިއަށްގެންދިއުމަށް ފެންނާތީކަން ޒަހީން ފާހަގަކުރިއެެވެ.

ގާޒީ ހަސަން ސައިދުއާ ގުޅޭގޮތުން ބަލަމުން ދަނީ ކޮން މައްސަލައެއްކަން ޔަގީނެއް ނޫނެވެ.

މީގެކުރިންވެސް ހަސަން ސައީދު ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލަ ބެލުމަށްފަހު އެއްވެސް ފިޔަވަޅެއް އެޅިކަމެއް ޖޭއެސްސީން ބުނެފައި ވެއެވެ.