ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަޅާ ތިން ޓަވަރުތަކުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.

އެމްޕީއެލްއިން ބުނީ، އެ ކުންފުނިން އަޅަން ހަމަޖެހިފައިވާ ޓަވަރު ތަކުގެ ފައުންޑޭޝަން މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ރޭ ފުރަތަމަ ޓަވަރުގެ ފައުންޑޭޝަން ކޮންކްރީޓް އަޅާފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 14 ބުރީގެ ތިން ޓަވަރުގެ މަސައްކަތް އެމްޕީއެލްއިން ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ.

އޭގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ތިން ޓަވަރުގެ ފުރަތަމަ ހަތަރު ބުރީގެ މަސައްކަތް ނިންމާނެ ކަމަށް އެމްޕީއެލްއިން ބުނާއިރު ތިން ޓަވަރުގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާޓްމެންޓް ހުންނާނެއެވެ. އެއީ ޖުމްލަ 534 އެޕާޓްމެންޓެވެ.