އެމްއެމްޕީއާރްސީ ގެ ބޮޑު ހިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސްގެ 38 މުވައްޒަފުން ޝާމިލްވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާތީ އެކަން އެ ބޭންކުން ކުށްވެރިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމުން، ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ބީއެމްއެލްގެ 38 މުވައްޒަފަކު އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތައް އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކުރުމުގައި ބައިވެރިވި ކަމަށެވެ. އެ ބޭންކުން ވަނީ އޭސީސީގެ މި ވާހަކަތަކަށް ރައްދު ދީ ބަޔާނެއް ނެރެފައެވެ.

އެކަން ކުށްވެރިކޮށް އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމްއެމްޕީއާރސީ ގެ މައްސަލައަކީ މިހާރު ތަހްގީގު ކުރަމުންދާ މައްސަލައަކަށްވާތީ މިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަކީ ބޭންކުގެ އުސޫލެއް ނޫން ކަމަށެވެ. ނަމަވެސް ފުރިހަމަނުވާ މި ތަހުގީގާ ގުޅޭ ގޮތުން އިއްޔެ އާންމުކުރެވިގެން ދިޔަ މައުލޫމާތަށް ބަލާއިރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބޭންކުގެ މުވައްޒަފުންތަކެއް ޝާމިލްވެފައިވާކަމަށް ދޭހަވާގޮތަށް ހާމަކޮށްފައިވާކަމަށް އެ ބޭންކުން ބުންޏެވެ.

"މިކަމުގައި މި ބޭންކުން ޤާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، އަދި ތަހްގީގު ކުރިއަށް ދަނިކޮށް މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުން، މި ބޭންކުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ". އެ ބޭންކްގެ ބަޔާނުގައި ވެއެވެ.

އެ ބޭންކުން ބުނީ، އެމްއެމްޕީއާރސީގެ ނަމުގައި އެކިފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފް ގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ޗެކްތައް އެންޑޯރސްކޮށް، އެސްއޯއެފް ގެ އެކައުންޓަށް ޖަމާކުރުމަށް ބޭންކަށް ހުށަހެޅުމުން ކަމަށެވެ.

"މިގޮތުން މި ޗެކްތައް ޖަމާކުރުމުގައި ބޭންކުން އަމަލުކޮށްފައިވަނީ ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި ބެހޭ (ޤާނޫން ނަންބަރު 95/16) ޤަނޫނާއި އެއްގޮތް ވާ ގޮތަށެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފެށިފަހުން ބޭންކަށް އެންޑޯރސްކޮށްގެން ޖަމާކުރަން ހުށަހަޅާ ހުރިހާ ޗެކްތަކަށްވެސް އަމަލުކުރާ އުސޫލުން އެމްއެމްޕީއާރުސީގެ ޗެކްތައް ވަކި ތަފާތުކުރުމެއްނެތިއެވެ. ދިވެހިރާއްޖޭގެ އެހެނިހެން ބޭންކުތަކުންވެސް، އެންޑޯރސްކޮށްފައިވާ ޗެކްތައް ޖަމާކުރާ އުސޫލުން ޤާނޫނާއި ގަވައިދުތަކާ އެއްގޮތަށެވެ". އެ ބޭންކުން ނެރުނު ބަޔާނެއްގައި ވެއެވެ.

އެ ބޭންކުން އިތުރަށް ބުނީ، އެމްއެމްޕީއާރސީ މައްސަލަ އާ ގުޅިގެން ބޭންކުން ހެދި އިންޓަރނަލް އޮޑިޓުގެ އިތުރުން އެމްއެމްއޭ އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރިއަށް ގެންދިޔަ އޮޑިޓްތަކަށްފަހު ޔަގީންވެފައިވަނީ ބޭންކުން އަމަލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

އަދި އެމް.އެމް.ޕީ.އާރ.ސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާއްވަތެއްގެ އަމަލެއްގައި ބޭންކުގެ މުވައްޒަފުން ޝާމިލްވާކަމަށް ފާހަގަކޮށްފައެއްނުވާ ކަމަށާއި، މިއިން އެއްވެސް އޮޑިޓަކުން ބޭންކުން މި މުޢާމަލާތްތައް ހިންގުމުގައި ޤާނޫނާއި ގަވައިދާ ޚިލާފުވެފައިވާކަމަކަށްވެސް ފާހަގަކޮށްފައެއްނުވާކަމަށް އެ ބޭންކުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    އޭސީސީ އަކީ އެމްޑީޕީގެ ގޮތްޕެއް! މިފަހަރުގެ ކެމްޕެއިންގައި އިބޫއަށް އެންމެ ގަދަޔަށް ކެމްޕެއިން ކޮށްދިނުމުގައި އުޅުނީ އޭސީސީ މެމްބަރުން! ވީމާ އެމްއެމްޕީއާރުސީގެ މައްސަލާގައި ސަރުކާރުގެ ބޮޑުން ލާރިތައް ދިރުވާލާފައި ވާތީވެ ކޮންމެވެސް ކުށެއް ނެތް ބައެއްގެ މައްޗަށް އެކަން ކަނޑާލަން ޖެހޭނެދޯ!

    19
  2. މިއަދު

    މިސަރުކާރުން މިކުޅެނީ ސިޔާސީ އައުގޭމެއްދޯ ފިނިކޮޓަރީގައި އިދެގެން ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިންނަށް ބިރުދައްކާ އެތަންތަންޖައްސައިގެން ސިޔާސީގޮތުން ޙައްްޤުނޫން ފައިދާއެއް ލިބިގަތުން މުޅިގައުމު އެލާޓަށް ގެނައްސަ އޮންނަ ފަލަސުރުހީއެއްއަބަދުވެސް އޮންނާނެ ކޮރަޕްޓްމީހުން ކުރާކަމަކީ ދަމާހުސްކުރުން ސަބަސްބޯހަރު

    15
  3. 1111

    އިންޓާނަލް އޮޑިޓަށް އެކަން ފާހަކަ ނުވުމަކީ އެކަމެއް ނުހިގާކަން ސާބިތު ވުމެއްނޫން! އަމިއްލައަށް ހެދިފައިވާ ގޯސް ގިނަފަހަރު އަޅައެއް ނުގަންނާ!
    މިހާރު އޮންނަ ކަމަކީ ކުރާކަމެއްގެ ވާހަކަ ބުނެފިއްޔާ "އެއީދޮގު، ހަގީގަތާއި ޚިލާފު، ބަދުނާމުކުރަން"، މިހެން ބުނީމަ އެ ރެކެވުނީ. ޕޮރޮފެޝަނަލް އެއްވެސް މުއައްސަސާ އެއްގެ އަގެއްނެތް! މިއީ ޤައުމުގެ ހާލަތު

    1
    8
  4. ޢަފްލާ

    ތެދެއް ތިބުނީ އިބޫ ވެރިކަމައް އައީވެސް އެފަދަ ގޮތަކައް ރައްޔިތުންނަށާއި ސަރުކާރުގެ ހުރިހާ މުއައްސަސާ ތަކައް ބިރުދައްކާ ޝަރުޢީ ދާއިރާ ހިސޯރުކޮއްގެން ވެރިކަން ހޯދީ ވޯޓަކުންނޫން ހަމަ ގައިމުވެސް

    13
  5. އައިމަން

    މިވާގޮތަކީ ވަޒީފާގެ ބިޔަށް ތޮށި ބަދަލުކުރަނީ އެއީ ބަރަވެލީގެ އުޞޫލު އޭ.ސީ.ސީ ގެ ހުރިހާ މެމްބަރުން ވަކިކޮށް ކޮރަޕްޝަން މައްސަލަ ރިޔާސީ ކޮމިޝަނުން ބެއްލެވުމަށް ދަންނަވަން.

  6. ބޮކި

    އޭސީސީ އަކީ ޔާމީނުގެ އައުވާނެތް ! މިކަންނޭގޭ ކުޑަކުއްޖެ މިދުނިޔޭގަ ނުހުންނާނެ ! ދެންކޮން ވާހަކަ ދައްކާކަށް !

  7. ކެޔޮޅު

    މި އޭސީސީ އަކީ މިހާތަނަށް އަޅުގަނޑަށް ފެނުނު އެންމެ ކޮރަޕްޓް ތަން. ކޮރަޕްޝަނަކީ ކޮންމެފަހަރަކު ފައިސާއަށް ކަންކަންކުރުމެއްނޫން. މަޤާމުގެ ދަހިވެތިކަމުގެ އެއިރެއްގަ އޮންނަ ސަރުކާރެއް ބޭނުންވާގޮތަކަށް ގަޔާންތަކާ ރިޕޯޓްތައް ނެރުމަކީވެސް ކޮރަޕްޝަންގެ ޢަމަލެއް. ޔާމީނުގެ ސަރުކާރުގަ ކޮރަޕްޝަން ނެތްކަމަށް ބަޔާން ނެރުނު ކިތައްކަންތަކުންތޯ މިހާރު މިމީހުން ކޮރަޕްޝަން މިދައްކަނީ. ފަނޑިޔާރުނަށްވުރެ ކުރިން މިމީހުން މަޤާމުން ވަކިކުރަންޖެހޭ