އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ފަރާތްތައް މިހާރު ތިބީ ސިންގަޕޫރުގައި ކަމަށާއި މިސަރުކާރުން އެބޭފުޅުން މިނިވަންކުރި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށް ނައިފަރު ދާއިރާގެ މެމްްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުގައި ޑރ.މުއިއްޒުގެ ރަނިންމޭޓް ސިމްބެ އާއެކީ ގއ. ވިލިނގިއްޔަށް ވަޑައިގެން ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ހިމެނޭ މީހުން މިހާރު ތިބީ ސިންގަޕޫރުގައި ކަމަށާއި މިސަރުކާރުގައި އެމީހުން ފިނި ކޮޓަރިތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން އެހުންނެވީ ޖަލުގައިކަން ފާހަގަކުރެއްވިއެވެ.

"އެމްއެމްޕީއާރުސީގެ ވަގުން އެތިބީ ސިންގަޕޫރުގައި، މިސަރުކާރު އައިސް އެމީހުން ބަދަލުކުރީ ފިނި ކޮޓަރިއަށް، ރައީސް ޔާމީން އެ ހުންނެވީ ޖަލުގައި. މީ ކޮންކަހަލަ އިންސާފެއްތޯ؟.". ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ހުވާކުރުމާއެކު ރައީސް ޔާމީނާއި ދެކޮޅަށް ތަހުޤީގު ފެށި ކަމަށާއި ރައީސް ޔާމީން ދަނީ އެ ތަހުޤީޤުތަކަށް އެއްބާރުލުން ދެއްވަމުން ކަމަށެވެ. އަދި އެގޮތަށް ޔާމީން އަމަލުކުރެއްވަނީ އެމަނިކުފާނު ދިވެހި ޑިމޮކްރެޓިކް ނިޒާމަށް އިހުތިރާމްކުރާކަން ރައްޔިތުންނަށް ދެއްކުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

"ތަހުޤީގުތައް ފަށައިފި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރުމާއެކީ. ތަހުޤީގުތަކަށް ބަރާބަރަށް އެއްބާރުލުން ދެމުންދާ ރައީސެއް ރައިސް ޔާމީނަކީ. އެއީ އެމަނިކުފާނުގެ އިހުތިރާމް ދިވެހި ޑިކޮމްރެޓިކް ނިޒާމަށް އޮތްކަން އަޅުގަނޑުމެން ރައްޔިތުންނަށް ދެއްކުމަށްޓަކައި." ޝިޔާމް ވިދާޅުވިއެވެ.

އެއްވެސް ތަހުޤީގަކަށް ޔާމީން ފަރުވާ ކުޑަ ނުކުރައްވާ ކަމަށާއި އެމަނިކުފާނު ޖަލުގައި އެ ހުންނެވީ ރައްޔިތުންގެ ހައްޤުގައި ކަމަށެވެ. އަދި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ނިޒާމް ބަދަލުކޮށްގެން އެމަނިކުފާނު ޖަލުގައި ބަހައްޓަނީ ކަމަށް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފައެވެ.

"ނިޒާމުގެ މައްސަލައެއް ނޫން އެއީ އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވައި ޖަލުގެ ތޭރިތަކުގެ ތެރޭގައި އެހުންނަވަނީ. ވަކި ބަޔަކު ބޭނުން ގޮތަކަށް ނިޒާމު އެއޮތީ ބައްޓަން ކުރެވިފައި."، ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ކެމްޕެއިން ދަތުރުތަކުން ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށް އޮތް ތާއީދު އެނގިގެންދާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.