އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމްގެ އިސްތިއުނާފު މައްސަލާގައި ދައުލަތުން ދެއްކީ މާކުރީގެ މާލީ ބަޔާނެއްކަން ހާމަވެއްޖެއެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުގެ ފަރާތުން ޖަވާބުދިނުމެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމިނުގެ އެޗްއެސްބީސީ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރަކީ ޔޫސުފް ނައީމް އަތުން ބައްލަވައިގަތް ޑޮލަރުކަމަށް ބުނާ ބުނުން ދޮގުކޮށް، އެ 1 މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާއަކީ ވުޖޫދުގައިވާ ފައިސާކަން އެނގޭނެ މާލީ އެއްވެސް ހެތްކެއް ނެތްކަން ސާބިތުކުރުމަށް މަސައްކަތްކޮށްފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާއަކީ ވުޖޫދުގައިވާ ފައިސާއެއްކަން މާލީ ބަޔާންތަކާއި އެނޫންވެސް ރެކޯޑުތަކުން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ޑޮލަރު މާރުކުރިކަމަށް ބުނާ ވާހަކައަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރު ހުކުމް ކުރެއްވުމުގައި ވެސް އެކަމަށް ބައްލަވާފައިވަނީ ރަނގަޅަށްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ހުޒައިފާ ވަނީ ރައީސް ޔާމީންގެ އަތުގައި ނަގުދު ފައިސާ އެބަހުރި ކަމަށް 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގެ މާލީ ބަޔާނުގައި އެބައޮތެއް ނޫންތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ ދައުލަތުން ހަވާލާ ދެއްވަނީ 2013 ވަނަ އަހަރުގެ މާލީ ބަޔާނަށެވެ.

ދައުލަތުން އެހެން ވިދާޅުވުން ފަނޑިޔާރު ވިދާޅުވީ އާރަށުގެ މުއާމަލާތަކީ 2015 ވަނަ އަހަރު ހިނގި މުއާމަލާތެއް ކަމަށްވާއިރު 2013 ވަނަ އަހަރުގެ މާލީ ބަޔާނަށް ބައްލަވަން ޖެހެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ ދައުލަތުން ގަބޫލު ކުރާ ގޮތުގައި ބަލަން ޖެހޭނީ 2013 ވަނަ އަހަރުގެ މާލީ ބަޔާނަށެވެ.

ދައުލަތުން ވިދާޅުވީ އަދީބާއި ޒިޔަތުގެ އަދުލުވެރިކަމާމެދު ޔާމީންގެ ވަކީލުންގެ ޓީމުން ސުވާލު އުފައްދާފައިވާ ކަމަށެވެ.

އަދީބް އާއި ޒިޔަތުގެ އަދުލުވެރިކަމާމެދު ސުވާލު އުފެދުނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ތަހުޤީގަށް ސުވާލުކުރުމުން އެދެމީހުންވެސް އިއުތިރާފްވެފައިވާތީ ކަމަށް ދައުލަތުގެ ވަކީލު އަހުމަދު ޝިފާއު ވަނީ ވިދާޅުވެފައެވެ.

އެކުށުގައި ބައިވެރިވި މީހުން ކުށުގައި ބައިވެރިވި މިންވަރާއި އެކުށް ކުރެވުނު ގޮތް އަދީބާއި ޒިޔަތު ކިޔައިދީފައިވާތީ މިދެމީހުންގެ ހެކިބަސް މިމައްސަލައިގައި ބައިވެރިވި އެހެން މީހުންނާއި ދެކޮޅަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި މައްސަލައިގައި އެންމެ ފުރަތަމަ ފިޔަވަޅު އެޅީވެސް އެދެމީހުންނަށެވެ.

މި މައްސަލައިގައި އެދެމީހުންގެ ހެކިބަހާއިމެދު ރައްކާތެރިވެ ވަޑައިގެން ދަށުކޯޓުން ވަނީ އެހެކި ބަހާއި ގުޅިގެން އެހެން ހެކި ހުރިތޯ ބައްލަވާފައެވެ.

އަދީބާއި ޒިޔަތުގެ ހެކިބަހާއިނުލާ މި މައްސަލައިގައި ހުށަހެޅުނު އެހެން ހެކިތަކުގެ ތެރޭގައި ރައީސް ޔާމީނާއި އަދީބާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ރެކޯޑިންއެއް ދައުލަތުން ވަނީ ހުށަހަޅާފައެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރީ މިހުރިހާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަސް އެއްފަރާތް ކުރުމަށް ނިންމުމަކީ އެމްއެޕީއާރުސީގެ މައްސަލަ އެ ދެމީހުންނާއި ހަމައިން ނިންމެވުންތޯ ދައުލަތުގެ ވަކީލު ވަނީ ސުވާލު އުފައްދަވާފައެވެ.

ދައުލަތުން ބުނާ ރެކޯޑިން އަކީ 2013 ވަނަ އަހަރުގެ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރީގެ ފޯން ކޯލް ރެކޯޑިން އެކެވެ. އެ ރެކޯޑިންގައި އާރަށުގެ ވާހަކައެއް ދައްކާފައެއް ވެސް ނުވެއެވެ.

ދައުލަތުން ވިދާޅުވީ މި ދެމީހުންގެ ހެކިބަހާއިމެދު އެކަށީގެންވާ ވަރަކަށް މައްސަލަ ބައްލަވާ ފަނޑިޔާރު ރައްކާތެރިވެ ވަޑައިގެން އެޔަށް ބުރަދަން ދެއްވާފައި އޮތަތީ އަދީބާއި ޒިޔަތު އަދި އަހުމަދު ނާޒިމްގެ ހެކިބަސް އެއްފަރާތް ކުރަން ޖެހޭނެ ކަމަށް ދައުލަތަށް ނުފެންނަ ކަމަށެވެ.

މިމައްސަލައިގައި ޔޫސުފް ނައީމާއި ޔާމީނާއި ދެމެދު މި ކަމާއިބެހޭ އެއްވެސް މުއާމަލާތެއް ހިނގި ކަމުގެ ހެކި ހުރިތޯ ޤާޒީ ވަނީ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ އެބާވަތުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެހެންނަމަވެސް ޔާމީނާއި ޔޫސުފް ނައީމަކީ ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އޮންނަ ދެބޭފުޅުންކަން ދައުލަތަށް ޔަޤީންވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ރައީސް ޔާމީންގެ ފަރާތުންވެސް އިއިތުރާފްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އާރަށު މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން އިސްތިއުނާފީ ނުކިތާތަކަށް ޖަވާބުދާރީވުމުގެ ފަހު ފުރުސަތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަރޭ

    ޗޯރު ބުނާގޮތަށް ޔާމީނަށް އަނިޔާދޭނީ ފަނޑިޔާރުން ކޮންހައިސިއްޔަތަކުންތޯ ފަނޑިޔާރުން ﷲ އަށް ބިރުވެތިވޭ އެހެންދުވަހެއް ވާކަން ދަންނަންޖެހޭ ކޮންމެހެން ޗޯރު ބުނާގޮތް ހަދައިގެން ވާނީ ގެއްލުން.

    44
    1
  2. ނަން

    އަޖައިބު . ޔާމީން އެކައުންޓައް ޖިއްނި ޝައިތޯނުންވެސް މިލިޔަނުން ރުފިޔާ ޖަ،މާކޮށްފާނެ.

    3
    4
  3. ހޯޕް

    ބޭނުން ފަޑިޔާރުން ލައިގެން މި ގައުމުގެ ތަރައްޣިގެ ބާނީ ޖަލަށް ލައިގެން ތިވެބޭނެ ދުވަސް މިައދު މި އޮރި އިގިލިން ގުނާލެވޭހާ މަދުވެފައި.އިންޝާﷲ ޔާމީން އާއި މުއިއްޒު އާއި އެކު ދުވަހަކު މި ގައުމު ނުދެކޭ ތަރައްޣީ ދިވެހިންނަށް ފެންނާނެ.ޔާﷲ މުއިއްޒާއި ޔާމީން އަށް ނަސްރުދެއްވައި ،މި ދިވެހިބިން ،އިސްލާމްދީން ހިމާޔަތްކުރުމުގެ ހެޔޮތައުފީގު އަޅެމެންނަށް ދެއްވާންދޭވެ،އާމީން

    18
    1
    • ނަންނި

      އާމީން އާމީން އާމީން

  4. އިންތިޚާބު

    ދައުލަތްދަނީ މި މައްސަލާގައި ފަޟީޙަތްވަމުން.

  5. ސަރަގު

    ބަލަގަ އެއްކަލަ ކޯޓްދޮށަށް އެއްވާ ކުދިންކޮޅުކޮބާ؟ އަހަރެމެން ބުނި ތަން ފެންނަންމިފެށީ. އެންމެނަށް މިއަދު ހީރޯއަކަށް "ސަލްމާން މިސްކިތު ފަންޑު" ވަގު ވެނިމިއްޖެ

    1
    3