ހދ ނޮޅިވަރަންފަރުގައި އެމްޑީޕީގެ ދިދަ ނަގާފައި ހުރި ރުއް ކަނޑާލިތާ ދެދުވަސް ފަހުން އަނެއްކާ ވެސް ދިދަ އެއް އެރަށު ރުކަކަށް ނަގައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެރަށު ހުޅަނގު ފަރާތު އަތިރި މަތީގައި ހުރި ރުކަކަށް އެމްޑީޕީގެ ދިދައެއް ނަގާފައިވަނިކޮށް އެރުއް ވަނީ ކަނޑާލާފައެވެ.

އެރުއް ކަނޑާލިތާ ދެދުވަސްފަހުން މިއަދު އަލިވިލުނުއިރު ވަނީ މިދިޔަ އަންގާރަ ދުވަހު ކަނޑާލި ރުއް ކައިރީގައި ހުރި ރުކަކަށް އެމްޑީޕީގެ ދިދައެއް ނަގާފައެވެ.

ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު އެ ރަށުގެ ހުޅަނގު ފަރާތު، އަތިރިމަތީގައި ހުރި ރުކަކަށް ނަގާފައިވާ އެމްޑީޕީގެ ދިދައެއް ތިރިކުރުމަށް ފުލުހުން އެކި ފަހަރުމަތިން އަރަން މަސައްކަތް ކޮށްފައިވެއެވެ. އަދި އާންމުންގެ މީހަކު އަރުވައިގެން، އެ ދިދަ ބޭލުމަށް ވެސް ފުލުހުން މަސައްކަތް ކުރި އެވެ.

ނަމަވެސް އެމްޑީޕީގެ ދިދަ ބޭލުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުވީ ރުކުގެ ވަކި ހިސާބެއްގައި ގިރިސް ހާކާފައި ހުރުމުން، ރުކަށް އެރުމަށް ދަތިތަކާ ކުރިމަތިވުމުންނެވެ.

އެޔަށް ފަހު މިދިޔަ އަންގާރަ ދުވަހު ހެނދުނު އެމްޑީޕީގެ ދިދަ ނަގާފައިވާ ރުއް ވަނީ ކަނޑައި ވައްޓާލާފައެވެ. އެކަން ކުރީ ފުލުހުން ކަމެއް އަދި އެހެން ބަޔަކު ކަމެއް ސާފެއް ނުވެއެވެ.

އަލަށް އަމަލުކުރަން ފެށި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައިހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެންނުވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮކާ

    އެމްޑީޕީ ނުވަތަ އެރަށު އެމްޑީޕީ ގޮފި ލައްކައަކުން ޖޫރިމައިނާ ކުރަން ފަށާބަލަ.. އޭރުން ހައްލުވީ