ގެއްލިގެން ފުލުހުންނަށް މީގެ ކުރިން ރިޕޯޓް ކޮށްފައިވާ ސައިކަލެއް މާލޭ ނޯތު ހާބަރު މޫދު އަޑީގައި އޮއްވާ ސައިކަލެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރޭ 20:00 ހާއިރު ނޯތު ހާބަރުގައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު އެއްޗެއް ނަގަން ފުންމާލި މީހަކަށް މޫދު އަޑިން ސައިކަލެއް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

ފުލުހުން ބެލި ބެލުމުން އެއީ 2019 އެޕްރީލް 16 ވަނަ ދުވަހު ގެއްލިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާ ސައިކަލެއް ކަން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުންދާ ކަމަށެވެ.

މާލޭގެ މަގުމަތީގައި ހުންނަ ސައިކަލްތައް ވަގަށް ނެގުމަކީ ވަރަށް އާއްމު ކަމެކެވެ. މިހާރު ވެސް ކޮންމެ ދުވަހަކު ދެތިން ސައިކަލް ގެއްލިގެން އެތަކެތި ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދެއެވެ.