ރާއްޖޭގައި ޕައިލެޓް ލައިސަން ކިޔެވުމަށް ލޯން ދޫކޮށްފައިވާ ދަރިވަރުން ބޭރަށް ފޮނުވައިގެން ކިޔެވުން ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށް ހަޔަޔ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކިޔެވުމަށް އެކި ފަހަރު މަތިން ލޯން ދޫކޮށްފައިވާ 96 ފަރާތެއް އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގަމުންދާ ޕައިލެޓް ލައިސަންސް ކޯހުގައި ކިޔަވަމުން އަންނަ ކަމަށާއި މި ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެން ގޮސްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ގަމުން ހިންގާ ޕައިލެޓް ލައިސަންސް ކޯހުގައި ކިޔަވާ ދަރިވަރުންނަކީ ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި ލޯނުގެ ދަށުން ކިޔަވާ ދަރިވަރުން ކަމަށެވެ.

އަދި ރާއްޖޭގައި ކިޔަވަން ދޫކުރާ ލޯނުން ބޭރަށް ކިޔެވުމުގެ ކަންކަން ހަމަޖައްސައިދިނުމުގެ އުސޫލެއް ނޯންނަ ކަމަށެވެ.

ނަމަވެސް އެ ދަރިވަރުންނަށް ދޫކޮށްފަައިވާ ލޯންގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ފުރުސަތު ހުޅުވާލާ ކަަމަށް އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީގެ އެ ބަޔާނުގައި ބުނެފައިވާގޮތުގައި ރާއްޖެއިން ބޭރަށް ބަދަލުކޮށްދޭ ދަރިވަރުންގެ ކިޔެވުމަށް އިތުރު ފައިސާއެއް ހަރަދުވާ ނަމަ އެ ހަރަދުތައް ބަލަހައްޓަން ޖެހޭނީ ދަރިވަރަކު އަމިއްލައަށެެވެ.

އަދި މިނިސްޓްރީން ބުނީ، ރާއްޖޭގައި ކޯސް ކުރިއަށް ގެންދަން ދިމާވެފައިވާ މައިގަނޑު ދައްޗަކީ ދަރިވަރުންގެ އިހްތިޔާރުން ބޭރުގައިވާ ކަންކަމަށް ވުމުން ކަމަށެވެ.

އަދި މި ފުރުސަތުގެ ދަށުން ޕައިލެޓް ލައިސަންސް ކިޔަވާ ދަރިވަރުން ރާއްޖެއިން ބޭރަށް ބަދަލުވާން އެދޭ ދަރިވަރުން ދާން ބޭނުންވާ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ އާއި ފީ ސްޓްރަކްޗާ އަދި އައިޑީ ކާޑު ކޮޕީ މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.