މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ދ.ވާނީ ބްލޫހެވަން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ބަލައި ނިންމުމަށް ފަހު އެމައްސަލައިގައި އިހުމާލުވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވައިފިއެވެ.

ރިޔާސީ ކޮމިޝަނުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ އެކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ކޮމިޝަނުން ބަލައި ނިންމުމަށް ފަހު އެމައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

ދައުވާ ކުރަން ރިޔާސީ ކޮމިޝަނުން މައްސަލަ ފުލުހުންނަށް ފޮނުވި ނަމަވެސް، ފުލުހުންނަކީ ޖިނާޢީ ދައުވާ ކުރުމުގެ ބާރު އޮންނަ މުއައްސަސާއެއް ނޫނެވެ. ފުލުހުން ތަޙްޤީޤު ކުރާ މައްސަލަތަކުގައި ވެސް ދައުވާ ކުރަނީ ޕްރޮސެކިއުޓަރ ޖެނެރަލް އެވެ.

ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ 09 ވަނަ މާއްދާގައި ވެސް ބުނެފައި އޮންނަނީ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަޙުޤީޤު ފުރިހަމަވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން، އެފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. ޤާނޫނުގައި މިގޮތައް ބަޔާންކޮށްފައި ވަނިކޮށް ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ނިންމާ، މައްސަލަ ފުލުހުންނަށް ފޮނުވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ނިންމީ ޒަރީރު ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދިޔައީ 2016 ޖެނުއަރީ 28 ގައެވެ. އޭނާ މަރުވީ މާފުށީ ޖަލުގައި ހުއްޓާ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ގެންދަނިކޮށް 2016 ވަނަ އަހަރުގެ ނޮވެމްބަރ 08 ގައެވެ.

ޒަރީރުގެ މައްސަލަ އަކީ ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ނިންމާ ދައުވާ ކުރަން މިހާތަނަށް ފޮނުވި ފުރަތަމަ މައްސަލަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    "ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ 09 ވަނަ މާއްދާގައި ވެސް ބުނެފައި އޮންނަނީ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަޙުޤީޤު ފުރިހަމަވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން، އެފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. ޤާނޫނުގައި މިގޮތައް ބަޔާންކޮށްފައި ވަނިކޮށް ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ނިންމާ، މައްސަލަ ފުލުހުންނަށް ފޮނުވި ސަބަބެއް އަދި ސާފެއް ނުވެއެވެ."
    ބޭނުމަކީ ރައްޔިތުންނަށް އޮޅުވާލުން....

  2. ބޮއިކަޓް ޢަލީ

    ޒަރީރު މަރުވީ އޮވަޑޮޒް ވެގެން، ޖަލުގައިވެސް މަސްރުވާތަކެތި، ޒަރީރު މަރުވުން ދިވެހިގައުމަށް ހިތްހަމަޖެހުން ގެނުވި. ޒަރީރަކީ ގްރޫޕް ހަދައިގެން މަސްތުވާތަކެތި ވިއްކަން އުޅުނު މީހެއް. ޒަރީރު ވިޔަފާރިކުރި ސަރަހައްދަށް މީހުން އޭނަގެ ވަނަމުން ނަންދީގެން އުޅުނު. ކޮމިޝަންތައް ހަދައިގެން ތިކަހަލަ މައްސަލަތައް ބަލަން ރައްޔިތުންގެ ލާރި އިސްރާފުނުކުރޭ

    17
    2