ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދުން ފެށިގެން އުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުވާލައްވައި މިއަދު ނެރުއްވި އެ ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނުގެ މަސައްކަތް ނިންމަވާފައިވާތީ ކަމުގައި ވިދާޅުވެފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުފެއްދެވީ ފެބުރުވަރީ 20، 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

މިއަދު އުވާލެއްވި ރިޔާސީ ކޮމިޝަންގައި އޮސްޓްރޭލިއާގެ ތަޖުރިބާކާރެއް ހިމެނޭހެން ފަސް ބޭފުޅަކު މަސައްކަތް ކުރެއްވެވިއެވެ. އެއީ

1. ޑޮކްޓަރ ޢާފިޔާ ޢަލީ (ވާރުގެ، ސ. ހުޅުދޫ)،
2. ޑޮކްޓަރ ޢަބްދުލްމަލިކް (މއ. ކޮށީގެ)،
3. އަލްއުސްތާޛު ޢަބްދުﷲ ރާބިޢު (ގަލްގާސްގެ، ކ. ދިއްފުށި)،
4. އަލްއުސްތާޛާ މާޒިޔާ ޢަބްދުއްސައްތާރު (ގ. ސާޔާ)؛ އަދި،
5. މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީ (އޮސްޓްރޭލިއާ) އެވެ.

ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިމިގެން ކޮމިޝަން އުވާލެއްވިއިރު ކޮމިޝަނުން ކުރި މަސައްކަތުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނެއް އުފެއްދުވުމަށް ފަހު އެކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމުގައި ރައީސް ސޯލިހް ހަމަޖެއްސެވީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ.

އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިޤްޠިޞާދީ ހާލަތާއި، އިޖުތިމާޢީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މަޢުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުން ކަމަށް ރައީސް ސޯލިހް ކޮމިޝަން އުފައްދަވަން ނެރުއްވި ގަރާރުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޒީ

    ހެހެހެހެ

  2. މޯދީ

    ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުނީތޯ؟ ތިއީ ވަރަށް ބޮޑު ކާމިޔާބެއް. ޝުކުރިއްޔާ ރައީސް ސޯލިހު

  3. އައުޓް

    ސަޅި. މިހާރު މިކަން ހައްލުކޮށްލީ ދޯ. ދެން ކުޑަ ކުދިންނަށް އަނިޔާކުރާ ބަޔަކު ނުފެންނާނެތާ

  4. ޙަސަނާ

    ތިޔަ ކޮމިސަނަކައް މިދިޔަ ދެއަހަރު ކިހާފައިސާއެއްހަރަދުކޮއްފިބާ މީވަރައްފައްކާ ސަރުކާތެއް ދައުލަތައްލިބޭހާ ލާރިއެއް ހަމަ ބަހަނީ ހިތުހުރިބަޔަކު މުއްސަދިކޮއްދީފާ ވެރިކަން ވެއްޓުނަސް ގާތްމީހުނައް އުމުރުގެ ބާކީ އޮތްތަނުގަ އޫޅެވޭ ވަރާ ވޯޓު ޔަގީން ވެސް ވެއްޖެ.އަސްލު އިބޫ ވަރައްބޯ ރަގަޅު ޔާމިނު އައް މިކަހަލަ ގޭމް ކުލ ޅެލަން ނޭގުނު..