ހިޔާނާތްތައް ބެލުމުގައި މިސަރުކާރު ފެއިލްވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މެންބަރު އުޝާމް މިހެން ވިދާޅުވީ ވެރިކަމާއި ހަވާލުވި ދުވަހު ރައީސް ސޯލިހް އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އިއްޔެ އުވާލެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އުޝާމް ވިދާޅުވީ ހާއްސަ ކޮމިޝަނެއް އުފައްދައިގެން ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބަލައި، އެފައިސާ ހޯދުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ. ވެރިކަމަށް އައީ އެވައުދު ވިއްކައިގެން ކަމަށާއި ނަމަވެސް ތިން އަހަރުވީއިރުވެސް އެވައުދު ނުފުއްދުނު ކަމަށް އުޝާމް ވިދާޅުވިއެވެ. "އެކަން ބެލުމަށް މިސަރުކާރު ފެއިލްވެއްޖެ." އުޝާމް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން އުފެއްދެވި ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދެވި ސަބަބަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި ކަމަށް އޭރު ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ.

ނަމަވެސް އިއްޔެ ކޮމިޝަން އުވާލިއިރު ވެސް ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހްގީގު ކުރެވިފައެއް ނުވެއެވެ. ކޮމިޝަންގެ އެއްމަގުޞަދަކީ ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދަން ކަމަށް ވީނަމަވެސް ކޮމިޝަން އުވާލިއިރު ދައުލަތުގެ އެއްވެސް ފައިސާއެއް ވެސް ކޮމިޝަންގެ މަސައްކަތުން އަނބުރާ ހޯދިފައެއް ނުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޒީޒާ

    ކޮމިޝަނަށް މުޅިންވެސް ފެނުނީ މިސަރުކާރުގެ އިސްވެރިންގެ މައްސަލަ، އެހެންވެ އުވާލީ.

  2. ސައްލި

    ދެކޮޅުގައިވެސް ތިބީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ސަހަލި އެކަކުވެސް ނޫޅޭ، ކެޔު ކޭވަރު އެގޭނީ ބިތު ފަންގި ނެގީމާ ކޮންމެ ބަޔެއްގެވެސް !