ނުރައްކާތެރި ތަނަކަށް ދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެހެންކަމުން އެފަދަ ތަނަކަށް ދެވުމުގެ ކުރިން އެންމެ ނުރައްކާތެރި ގައުމަކީ ކޮބައިކަން އެނގުމަކީވެސް ވަރަށް ބޭނުންތެރި ކަމެކެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމަކީ ކޮބައިކަން ބަލާލަމާ ހިނގާށެވެ.

ގްލޯބަލް ޕީސް އިންޑެކްސް (ޖީޕީއައި) 2019 އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ މަޝްރަހު ދިރާސާކޮށް، ވަރަށް ރަނގަޅަށް ބެލުމަށް ފަހުގައި އިންސްޓިޓިއުޓް ފޯ އެކޮނޮމިކްސް އެންޑް ޕީސް އިން އަހަރަކު އެއްފަހަރު އެކުލަވާލާ ރިޕޯޓެކެވެ. މި ރިޕޯޓުގެ ނަތީޖާތައް ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކަކުން ރަސްމީކޮށް ބަލައިގަންނަ އިރު، މިއަހަރުގެ ރިޕޯޓުން ދައްކާ ގޮތުން ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމަކަށް މިވަގުތު އޮތީ އަފްގާނިސްތާނެވެ.

ސީރިޔާ ވައްޓާލުމަށް ފަހު އަފްގާނިސްތާނުން މި ލިސްޓުގެ އެއްވަނަ އަށް އަރާފައި ވާއިރު، ދެވަނާގައި އޮތީ ސީރިޔާއެވެ. އަދި ތިން ވަނާގައި ދެކުނު ސޫދާން އޮތް އިރު، ދުނިޔޭގެ އެންމެ ރައްކާތެރި ގައުމުގެ ގޮތުގައި 2008ވަނަ އަހަރުން ފެށިގެން އޮތީ އައިސްލޭންޑުން ކަން ފާހަގަކޮށްލެވެއެވެ.

އައިސްލޭންޑުގެ ފަހަތުން އެންމެ ރައްކާތެރި ގައުމު ތަކުގެ ގޮތުގައި ދެން އުޅެނީ ނިއު ޒިލެންޑާއި، ޕޯޗުގަލްގެ އިތުރުން އޮސްޓްރިއާއެވެ. ވޭތުވެދިޔަ 5 އަހަރު ދުނިޔޭގައި ހަމަނުޖެހުން ހިނގާ މިންވަރު މަދުވެފައި ވާއިރު، މި ރިޕޯޓުން ދައްކާ ގޮތުން އެންމެ ރައްކާތެރި ބައްރެއްގެ ގޮތުގައި އޮތީ ޔޫރޮޕެވެ.