ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ހުއްޓާ ސްޓްރޯކެއް ޖެހި ކޯމާއަކަށްދިޔަ ހައްޖުވެރިޔާގެ ހާލަތަށް އިތުރު ބަދަލެއް އަދިވެސް އައިސްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހާލު ސީރިއަސް ވެގެން ކޯމާގައި ފަރުވާ ދެމުން ދަނީ ފ.ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ ،38، އަށެވެ. އޭނާ އަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ މީހެކެވެ.

އޭނާގެ ހާލު އާދީއްތަ ދުވަހު ސީރިއަސްވީ މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެންނެވެ. އޭނާއަށް ފަރުވާ ދެމުން އަންނަނީ މިނާގެ "މިނާ އަލްވާދީ" ހޮސްޕިޓަލުގައެވެ.

އެންމެ ހައްޖުވެރިއެއް ފިޔަވައި، އެހެން ހުރިހާ ހައްޖުވެރިން ހާލު ވެސް ރަނގަޅު ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވައެވެ.

ހައްޖުވެރިން އަންނަ ހަފްތާގައި އެނބުރި ރާއްޖެ އަންނަން ފަށާނެއެވެ.

މިއަހަރު ރާއްޖެ އިން 2000 މީހުން ވަނީ ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުން މައުލޫމާތުދޭ ގޮތުގައި މިއަހަރު 2.5 މިލިއަން މުސްލިމުން ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައިވެއެވެ.