ޖުޑީޝަލް ސާވިސް ކޮމިޝަންގެ (ޖޭއެސްސީ) ޤާނޫނަށް ގެނެވުނު ބަދަލު ތަކާއެކު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ގިނަ ބާރުތަކެއް ލިބި ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ތައްޔާރު ވެއްޖެއެވެ.

ޑީޖޭއޭގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީޖޭއޭގެ ފަރާތުން އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ޑީޖޭއޭގެ ބެލެނިވެރި ފަރާތަކީ ޤާނޫނީ ގޮތުން މިހާރު ޖޭއެސްސީ ކަމަށާއި، ޑީޖޭއޭގެ މަސައްކަތްތައް ކުރަމުން ދާނީ އަދިވެސް ޖޭއެސްސީގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު ބައެއް ބާރުތައް ޑީޖޭޭއޭ އަށް މިހާރު ލިބިފައިވާ ކަމަށް ޑރ ނަޒީރު ފާހަގަ ކުރިއެވެ.

* އެއް ފަންތީގެ ކޯޓުތަކުގެ ފަނޑިޔާރުން އެހެން ކޯޓު ތަކަށް ބަދަލުކުރުން

* ކޯޓުތަކުގެ މެޖިސްޓްރޭޓުން ވަކިކުރުން

* ޑީޖޭއޭއިން އެދިއްޖެ ހާލަތެއްގައި މައްސަލައެއް އަވަސްކުރުން

*ޑީޖޭއޭގެ ދަށުން ހިންގާ ކޯޓުތަކުގެ (ހައި ކޯޓާއި ސުޕްރީމް ކޯޓު ފިޔަވައި) ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން

* ފަނޑިޔާރުންގެ ޗުއްޓީ ނަގާ ގޮތް ބެލެހެއްޓުން

* ކޯޓުތަކުން ދޫކުރާ އިދާރީ ޙިދުމަތްތަކުން ފީ ނަގާ އުސޫލު ބެލެހެއްޓުން

* ޖޭއެސްސީ އަށް ހުށެހެޅޭ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި ފަނޑިޔާރުންނަށް އިލްތިމާސް ދެންނެވުން

ކޯޓުތަކުގެ މެޖިސްޓްރޭޓުން ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ ޑީޖޭއޭ އިން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެކުލަވާލާ 3 މެމްބަރުންގެ ކޮމެޓީ އަކުން ކަމަށް ޑރ ނަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުޢީ މަސައްކަތް ކުރާ ހުރިހާ ކޯޓުތަކެއްގައިވެސް ވީޑިއޯ ކޮންފަރެންސް ޙިދުމަތާއެކު ހުރިހާ ކޯޓުތަކެއްވެސް އެއް ވިއުގާ އަކުން މި އަހަރު ނިމުމުގެ ކުރިން ގުޅާލެވޭނެ ކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ޑީޖޭއޭގެ ފަރާތުން މަޢުލޫމާތު ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެއު

    ހެއްވާ ބައެއްނު މީ އައްނިއަންގާގޮތައް ކަންކަން އަވަސްކުރަން މެދުވެރިވާ ބައެއް ގައުމުފަސާދަކުރުންނޫން އެއްވެސް ކަމެއް ނުކުރާނެ ކެރާފާ ކޮމްޕެނީ ނުކިޔަންވެގެން