ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް އައިޓީ މުއައްޒަފުން ތަމްރީނުކުރުން ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދީފައިވަނީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އަލްފާޟިލް މުހައްމަދު ޒުހައިރެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ފަންޑްގެ ދަށުން ކްލިކް ކޮލެޖާއި ގުޅިގެން މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 އަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްލުރާ ނެޓްވޯކަށް ހޮސްޕިޓަލްތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީންކުރުން ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޒުހައިރު ވިދާޅުވީ، މި ކޯސް ފުރިހަމަ ކޮށްފައިވާ ކުދިން މި ކޯހުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި، ގުޅެން ޖެހޭ ތަންތަނާއި ގުޅި އަދި އިތުރަށް އާ ކަންތައްތައް ދަސް ކުރާނެ ކަމުގެ އުއްމީދު ކުރާ ކަމުގައެވެ.

މީގެ އިތުރުންވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވައުދެއްކަމުގައިވާ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުން، މ ވައުދު ފުއްދުމަށް މިނިސްޓްރީން ގިނަ މަސައްކަތެއް ކުރަމުން ގެންދާ ކަމުގައެވެ. އެގޮތުން ބަލާއިރު ނިމިގެން ދިޔަ މި ކޯހަކީ ވެސް އެ ދާއިރާގައި ޤާބިލް މުވައްޒަފުން އުފެއްދުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށް އޭނާ ވިދާޅުވިއެވެ.