އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް މި ރަށްރަށަށް ކަރަންޓް ދީފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ އިންޖީނުގޭގެ ކޭބަލް ނެޓްވޯކަކަށް މިދިޔަ އާދީއްތަ ދުވަހު ދިމާވި މައްސަލައަކާއި ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އައްޑުގެ ގުޅިފައިވާ ރަށްތަކަށް އެކި ގަޑި ގަޑީގައި ކަރަންޓު ކެނޑުމުގެ ސަބަބުން ބައެއް ފަރާތްތަކުން ހިފައި ގެންގުޅޭ ސާމާނު ތަކާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ވަނީ ހަލާކުވެފައެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ފެނަކަ އިން ކުރި މަސައްކަތް ނިންމައި ކަރަންޓް ދީފައިވަނީ މެންދުރު 12:50 އެހާކަންހާއިރުއެވެ.

ފެނެކައިން ވަނީ މިދިޔަ ހޯމަ ދުވަހު މިކަމާ ގުޅިގެން އިއުލާނެއްވެސް ނެރިފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަރަންޓު ކަނޑާނެ ކަމަށާއި ނަމަވެސް އެއަށްވުރެ އަވަހަށް މައްސަލަ ހައްލު ކުރެވިއްޖެނަމަ ކަރަންޓު ދެވޭނެ ކަމަށެވެ.

އައްޑޫގެ ކަރަންޓު މައްސަލައަކީ އެއްވެސް ސަރުކާރެއްގައި ހައްލުވެފައިވާ މައްސަލައެއް ނޫނެވެ. ގިނަ ފަރާތްތަކުން އަންނަނީ މިކަމާއި އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އައްޑޫ ސިޓީން މިދިޔަ އާދީއްތަ ދުވަހު ހަ ގަޑިއިރަށް ކަރަންޓް ކެނޑިފައިވާއިރު މީގެ ކުރިން މިހާ ގިނަ އިރަކަށް އައްޑޫއަކުން ކަރަންޓު ކެނޑިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު