ދުނިޔޭގައި ނަފްސާނީ ބަލިތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކަން އިތުރުކުރުމަށް "ވޯލްޑް މެންޓަލް ހެލްތު ވީކް" ރާއްޖޭގައި ފާހަގަ ކުރުމަށް އައިޖީއެމް ހޮސްޕިޓަލުން ނިންމައިފިއެވެ.

އެ ހޮސްޕިޓަލުގެ ސެންޓާ ފޯ މެންޓަލް ހެލްތު ޑިޕާޓްމަންޓުން ނަފްސާނީ ބަލިތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

އެއީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނަފްސާނީ ބަލިތަކުގެ ދުވަހަކީ 10 އޮކްޓޯބަރުކަމަށް ވާތީއެވެ.

މިހަރަކާތް ކުރިއަށް ގެންދިޔުމަށް ހޭލުންތެރި ކުރުމުގެ އެކި ޕްރޮގްރާމްތަކާއި "އަ ވޯކް ފޯ މެންޓަލް ވެލްބީން"ގެ ނަމުގައި ހިނގާލުމެއް ބޭއްވުމުގެ އިތުރުން، ނަފްސާނީ ބަލިތަކާ ގުޅޭ ކުރެހުމުގެ މައުރަޒެއް ވެސް ކުރިއަށް ގެންދަނީ ވަނީ ނިންމައިފަ އެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަކޮށް މަރުކަޒެއް ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުރިހަމަ ކޮށްދެއްވާ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ މަގްސަދުގައި އައިޖީއެމްއެޗްގައި ހާއްސަ ޑިޕާޓްމަންޓެއް ހުޅުވީ މިދިޔަ މާޗު މަހު އެވެ

އެ ސެންޓަރުގެ ތަސައްވުރަކީ ސެންޓަރުގެ ހުރިހާ ނަފްސާނީ ސިއްހަތުގެ ފަރުވާތަކަކީ ފެންވަރު ރަނގަޅު އަދި މުޖުތަމައުއަށް ލިބިގެންދާނެ ހިދުމަތަކަށް ހެދުމާއި އެކު ނަފްސާނީ ބަލި މީހުންނަށް ތަފާތު ކުރުން ނޯންނަ މާހައުލެއްގައި ދެވޭ ފަރުވާ އަކީ ދުނިޔޭގެ ފެންވަރުގެ ފަރުވާއަކަށްވުން ކަމަށް ވެސް ބުންޏެވެ. އަދި މީގެ އިތުރުން މި ކުދިންނަކީ މުޖްތަމައު ބަލާގަންނަ ބަޔަކަށް ހެދުމަކީވެސް އެމީހުންގެ އެއް ޝިޔާރެވެ.