މާލޭ ސަރަހައްދުގައި އޮޕަރޭޓް ކުރަމުންދާ ސެންޓަރުތަކަށްވެސް ޓެކްސީ އެޕްލިކޭޝަން އުފެއްދުމުގެ ފުރުސަތު ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިގޮތަށް ހުރިހާ ޓެކްސީ ސެންޓަރުތަކަށް ފުރުސަތު ދީފައި ވަނީ، މާލޭ ސިޓީ ސަރަހައްދުގައި ބޭނުން ކުރުމަށް އަލަށް ރެޖިސްޓަރ ކުރާ ޓެކްސީތަކަކީ މިނިސްޓްރީން ކުރިން ހުއްދަ ދީފައިވާ ތިން އެޕްލިކޭޝަންގައި ރަޖިސްޓްރީ ވެފައިވާ ޓެކްސީއަށް ހެދުމުގެ އުސޫލު ބާތިލްކުރުމަށްފަހުގައެވެ.

ޓްރާންސްޕޯޓުން ޓްކްސީ ސެންޓަރުތަކަށް އެ އެޕްލިކޭޝަން ހެދުމަށް ދީފައި ދެ މަސް ދުވަހުގެ މުއްދަތެކެވެ. އެގޮތުން، 60 ދުވަހުގެ ތެރޭ ޓްރާންސްޕޯޓުން ގަބޫލުކުރާ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރެޖިސްޓްރީ ކުރަން ޖެހޭނެއެވެ.

އަދި އަމިއްލަ ކާރުތަކަށް ޓެކްސީ ހިދުމަތް ދެވޭނީ ކުރިންވެސް އުސޫލުގައި ބުނާގޮތަށް އެޕްލިކޭޝަނެއްގައި ރަޖިސްޓްރީވެގެންނެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދޭ ޙުރިހާ ޓެކްސީތައް މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ހިދުމަތް ދިނުމަށް މަޖުބޫރުކުރިއެވެ. ނަމަވެސް އެ ނިންމުން ބާތިލްކޮށް، ފަހުން ވާނީ ހަމައެކަނި އަލަށް ރެޖިސްޓަރ ކުރާ ޓެކްސީތައް ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ ޓެކްސީ އެޕްލިކޭޝަނެއްގައި ރަޖިސްޓަރ ވުމަށް ހުޅުވާލާފައެވެ. މިއަދު ވަނީ އެ ނިންމުންވެސް ބާތިލްކޮށް ހުރިހާ ޓެކްސީ ސެންޓަރުތަކަށް އެ ފުރުސަތު ހުޅުވާލާފާއެވެ.

ޓްރާންސްޕޯޓުން ބުނީ، އެ މިނިސްޓްރީން މިގޮތަށް ކަނޑައެޅީ ގިނަ ޓެކްސީ ސެންޓަރުތަކެއްގެ އެދުމުގެ މަތިންކަމަށެވެ.