ލ.އަތޮޅު ފޮނަދޫ މަގުތަކުގެ މަސައްކަތް ނުފެށި ލަސްވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު ސިރާޖު މިހެން ވިދާޅުވީ ފޮނަދޫގެ މަގުތަކުގެ ހާލަތު ފެންނަ ފޮޓޯތަކަކާއި އެކު ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

ސިރާޖު ވިދާޅުވީ މަގުތަކުގެ މަސައްކަތް ނުފެށި ލަސްވެއްޖެ ކަމަށާއި ނަމަވެސް މި ސަރުކާރުން މަސައްކަތް ނިންމާ ރައްޔިތުންނަށް ޖެހިފައިވާ މި މުސީބާތުން ސަލާމަތް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މަގުތައް ކޮނެ، ދުވާރުތައް ހެދި ނަމަވެސް މަސައްކަތް އިތުރަށް ކުރިއަށް ނުދިއުމުގެ ސަބަބުން އެރަށުގެ މަގުތަކުގައި ފެންބޮޑުވަމުން އަންނަތާ ހަތަރު އަހަރު ވެއްޖެއެވެ.

ކުޑަކޮށް ވާރޭ ވެހުނަސް ރަށުގައި ފެންބޮޑުވެ، ހިނގާ މީހުންނަށާއި އެއްޗެހި ދުއްވާ މީހުންނަށް ބޮޑެތި ދަތިތައް ދިމާވެއެވެ.

ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ފޮނަދޫ މަގުތަކުގައި ތާރު އަޅަން ފެށިނަމަވެސް އެމަސައްކަތް ވެސް އެދެވޭ ގޮތަކަށް ކުރިއަކަށް ނުދިޔައެވެ.

ވެރިކަން ބަދަލުވެ، ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ވަނީ ފޮނަދޫ މަގުތައް ހެދުން އެމްޓީސީ އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. ނަމަވެސް އަދިވެސް މަގުތައް ހެދުމުގެ އަމަލީ މަސައްކަތެއް ނުފަށައެވެ.

ސިރާޖުގެ ޓްވީޓާއި ގުޅިގެން އެމްޓީސީގެ އެމްޑީ ހަސަން ޝާހް ވިދާޅުވީ ފޮނަދޫގެ މަގުތައް ހެދުމުގެ މަސައްކަތް އެއްބަސްވުމުގެ މުއްދަތައް ނުވަތަ އެއަށްވުރެ ކުރިން ނިންމާނެ ކަމަށެވެ.

މަސައްކަތް ނިންމަން އެމްޓީސީ އަށް ދީފައި ވަނީ 204 ދުވަހެވެ. އެމުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހަށެވެ. އެހެންކަމުން ބާކީ މަސައްކަތް ނިންމަން ދެން އޮތީ 87 ދުވަހެވެ.

ފޮނަދޫ އަކީ ލ.އަތޮޅުގެ ގިނަ ބަޔަކު އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ވެސް ދަތުރު ކުރާ ރަށެކެވެ. ނަމަވެސް މަގުތައް މިހާރު އޮންނަ ގޮތުން ރަށުތެރޭގައި ހިނގައި ބިނގައިވެ އުޅުން ވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިލާވަޅު

    އަމިއްލަ ހަލާކު އެމެރިކާގެ ނުވަތަ އިގިރޭސިވިލާތުގެ ގަވއިދު އަދި ސިސްޓަމް ކޮޕީ ޕޭސްޓް ކުރަން ފެށީމަ ވާނެ ހައެތި މިވަނީ

  2. Juhaa

    މިހާރުވެސް ވެރިކަމުގަ އި ހުރީ ޔާމީނުތަ؟ ތިޔަ ސަރަހަ އްދުގަ އި ކުރި ކަމެ އް ކޮށްފަ އިއ އޮތީ ޔާމީނުގެ ވެރިކަމުގަ އި. މިހާރު މި އޮތީ ކަލޭމެންގެ ވެރިކަން. 10 މަސްދުވަސްވީ އިރު ކުރެވުނު އެއ އްވެސް ކަމެ އް ނެތް. ޖަޒީރާ ރާ އްޖެޔޭ، އެޖެންޑާ 19 އޭ ކިޔަ އިގެން ހަނދާންކުރަނީ. މި ކަލޭގެ ވެސް މި އީ މާމޮޅު ޤާނޫނީ ވަކީލެކޭ ކިޔަ އިގެން އުޅުނަސް، ދަ އުލަތުގެ ވަކިވަކި އޮފީސްތަކުން ކުރާ މަސަ އްކަތްތަ އްވެސް މި ކަލޭގެ އަކަށް ނޭނގޭ.