ބައުޒަރުތަކުން ތެޔޮ އެޅުމާއި، ބައުޒަރުތަކަށް ހުއްދަ ދިނުމުގެ އުސޫލު ހަރުކަށިކޮށް، ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އުސޫލެއް އާއްމު ކުރައްވައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައާއި އަދި ޚާއްސަގޮތެއްގައި މާލޭގެ އުތުރު ހާބަރ އަދި ދެކުނު ހާބަރު ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާރކުކޮށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުން ގެންދަނީ، އެއްވެސް ވަރަކަށް ރެގިއުލޭޓް ކުރެވިގެން ނޫންކަމަށެވެ.

ދާދި ފަހުން އަލިފާނުގެ ހާދިސާއެއް އެސަރަހައްދުގައި ހިނގާފައިވަނީވެސް، އަސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާރކްކޮށް، ތެޔޮ ޓޭންކްތަކުގެ ގޮތުގައި ޤަވާއިދާއި ޚިލާފަށް ބޭނުން ކުރަމުން ދަނިކޮށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޕްލޭނުން މިނިސްޓްރީން ވިދާޅުވީ ތެޔޮ ބައުޒަރުތައް މާލެތެރޭގައި ދުއްވުމާއި، މިހާރު ބޭނުންކުރަމުންދާގޮތަށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށްގެންދިޔުމަކީ ރައްކާތެރިކަމަކަށް ނުވާއިރު، ދާއިމީ ގޮތެއްގައި، މި ޚިދުމަތް ދިނުމަށް އަމާޒު ކުރެވިފައިވަނީ، ތިލަފުށި ނުވަތަ އަލަށް ތަރައްޤީ ކުރެވޭ ގުޅީފަޅުން ސަރަހައްދެއްގައެވެ.

އެހެންކަމުން، މާލެ-ތިލަފުށި ބްރިޖް ލިންކާއި އެކު ގުޅީފަޅު ތަރައްޤީ ކުރެވެންދެން ވަގުތީ ގޮތުން، ތެޔޮ ބައުޒަރުތައް ޕާރކް ކޮށްފައި ބޭއްވޭނެ އިންތިޒާމެއް މާލޭ ދެކުނުން ހިއްކާފައިވާ ސަރަހައްދުން ބައެއްގައި ވަނީ ކަނޑައެޅިފައި ކަމަށާއި އަދި މިސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާރކް ކުރުމާއި، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި މިއަދު އާއްމު ކުރި އުސޫލާއި އެއްގޮތައް އަމަލު ކުރުމަށް، ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އެކު މަޝްވަރާކުރުމަށްފަހު ވަނީ ނިންމާފައި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

މިއަދު އާއްމު ކުރި އުސޫލުގައި ވަނީ ތެޔޮ ބައުޒަރުތައް ޕާރކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ތެޔޮ ބައުޒަރުތައް ޕާރކްކޮށްފައި ބާއްވައިގެން ނުވާނެ ކަމަށެވެ. އުޅަނދުފަހަރަށް ތެޔޮ އެޅުމަކަށްޓަކައި، ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ބަނދަރު ތޮއްޓާއި ކައިރިކޮށް ތެލުގެޚިދުމަތްް ދިނުމަށާއި އަދި ޚިދުމަތް ދިނުމަށްފަހު، ޕާރކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް އެނބުރިދިއުމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

އެއްވެސް ހާލަތެއްގައި، ބަނދަރު ތޮށި ކައިރީގައި ތެޔޮ ބައުޒަރު ޕާރކް ކޮށްފައި ބޭއްވުން މިއަދުން ފެށިގެން މަނާ ވާނެއެވެ.

ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އަލިފާން ނިވާ ނިޒާމް ޤާއިމް ކުރުމާއި ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ސަލާމާތީ ކަންތައްތައް މޮނިޓަރ ކުރުން މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް އިން ކުރިޔަށް ގެންދިޔުމަށް ވެސް މިއުސޫލުގެ ދަށުން ވަނީ ނިންމާފައެވެ.

އެސަރަހައްދުގައި، ޚިދުމަތް ދިނުމުގެ ކަންތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ހަވާލުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ފުލުހުންނެވެ.

މިހާރު މާލެއަށް އެތެރެކޮށް ބޭނުންކުރަމުންދާ ތެޔޮ ބައުޒަރު ތަކަކީ، މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސްގެ ގައިޑްލައިނާއި އެއްގޮތަށް ހުރި ބައުޒަރުތައްތޯ ބެލުމަށްފަހު، އެމިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލް ކުރަން ނިންމާފައިވާ ކަމަށް ވެސް މިއަދު އާއްމު ކުރި އުސޫލުގައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން، އެމިނިސްޓްރީގެ ދަފްތަރުގައި ތެޔޮ ބައުޒަރުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ބައުޒަރުތަކުގެ އިތުރުން އަލަށް ބައުޒަރު ރަޖިސްޓްރީ ނުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުޢޫދު

    ބައުޒަރުތަކުގެ މިންގަނޑު ތައްބަލާ ނިމޭއިރު ވާނީ ދުއްވަން އަޅަންގެނާ ހެލްމެޓްގެ މިންގަޑައް ވީހެން ބަންގާޅު މިންގަނޑު ލައްންކާމިންގަނޑު މިޓޭންކުތައް ހަދަނީ ތިލަފުޝީގަ ހުރި ޔޫއެލް އެފްއެމް އައިއެސްއޯ 2 ޓަނުގެބާއިގެ ފެކްޓަރީތަކުން ޕީވީސީ ހޮޅި އަދި ގަހައް ފެންދޭން ބޭނުންކުރާ ރަބަރް މަޑުހޮޅިއާ ފެންޕަމްޕުތައް ބޭނުން ކޮއްގެން މީގެކުރިން މުޅިމާލޭގަ ޖޫގޯކަޑާތައް ހުރިހެން މިހާރު ދުވަނީ ތެޔޮ އުފުލާ ލޯރިތައް މިއައްވުރެ މާރަނގަޅު ވާނެ ފުލޯޓިން ތެޔޮއަޅާ ޝެޑްތައް ތޮށިން ބޭރުގަ އެޅީމަ އެހެން ފަރާތަކައް ވާގެއްލުން ކުޑަވާނެ.

  2. ޖަމލާ

    ސަރުކާރުން ކިތަންމެ ހަރުކަށި ފިޔަވަޅު އެޅިޔަސް ރައްޔިތު މީހާގެ އެވަރުގެ ވިސްނުމެއް ނެތިއްޔާ ކޮންމެ ފަދަ ކަމެއްވެސް ވެދާނެއެވެ. ވީމާ، ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެދެނެވެ. އެންމެ ފަހުން ހިނގި ހާދިސާއަކީ ތެޔޮބައުޒަރު ނުވަތަ ލާންޗްގެ ތިއްބެވި ބޭފުޅުންގެ ކިބައިން ދިމާވިކަމެއް ނޫނެވެ. ހަމަ ދިވެހި ފަރުދެއްގެ ފުށުން ވީ ކަމެއްކަމަށް ފާހަގަކުރެވެއެވެ.